ބޮޑު ތިލަދުންމަތީގެ ތަޚުތަށް އިހަވަންދޫ ފުޓްސަލް ކުލަބް!

އިސްމާއިލް ހައްމާޒް

ގޯލްޑަން ފުޓްސަލް ޗެލެންޖެ 2022 ގެ ޒޯން 1 ގެ ޗެމްޕިއަންކަން ހޯދައި ބޮޑު ތިލަދުންމަތީގެ ތަޚުތަށް އިހަވަންދޫ ފުޓްސަލް ކުލަބުން އައިސްފިއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ފައިނަލަށް ދަތަރުކޮށްފައިވާ އިހަވަންދޫ ފުޓްސަލް ކުލަބުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 3-1 ގެ ނަތީޖާއަކުން ށ.ކަނޑިތީމު ބަލިކޮށްގެންނެވެ. މިއީ ފައިނަލަށް ހުރިހާ މެޗަކުން މޮޅުވެގެން އައި  ކަނޑިތީމު މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ. ރޭގެ ފައިނަލުގައި އިހަވަންދޫއިން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމުގެ ކެޕްޓަން މުހަންމަދު ފަޒީލެވެ. މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް އިހަވަންދޫ ޓީމުގެ ލީޑް ބޮޑު ކޮށްދިނީ އިބްރާހިމް ހާމިދު ޖަހައިދިން ލަނޑުންނެވެ. އޭގެ މިނެޓެއްފަހުން ލިބުނު ޕެނަލްޓީއަކުން ކަނޑިތީމުންވަނީ ލަނޑެއް ޖަހައި އުއްމީދު އާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 80 އެވެ. ނަމަވެސް އެ އުއްމީދުގައި މިނެޓެއްވެސް ހިފަހައްޓައި ނުލެވުނެވެ. ލިބުނު ހިލޭ ޖެހުމަކުން އިހަވަންދޫގެ ހާމިދު ވަނީ ލަނޑެއް ޖަހައި އިހަވަންދޫއަށް ތަށި ޔަގީންކޮށްދީފައެވެ.

މިރޭގެ މެޗުން ބަލިވި ކަމުގައިވިޔަސް ކަނޑިތީމުންވެސް ވަނީ ގަދަ ސޯޅައިން ޖާގައެއް ކަށަވަރު ކޮށްފައެވެ. ޒޯން 1 ގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިހަވަންދޫގެ އިބްރާހިމް ހާމިދެވެ.