އިހަވަންދޫގެ މަގުހަދަން އަދި ބަޔަކާ ހަވާލެއްނުކުރޭ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާނަމަވެސް އަދި އެމަސައްކަތް އެއްވެސް ކުންފުންޏަކާ ހަވާލުކޮށްފައި ނުވާކަމަށް މިނިސްޓަރ ފޯރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފަރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އިހަވަންދޫގެ މަގުހެދުން ހިމަނާފައިވާނަމަވެސް އަދި އެއްވެސް ކުންފުންޏަކާ އެމަސައްކަތް ހަވާލުނުކުރާ ކަމަށާއި އެކަން އޮތީ ޓެންޑަރިންގ މަރުހަލާގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަގުހެދުމުގެ މަސައްކަތް އޮތީ ޓެންޑަރ މަރުހަލާއޭ ދެންނެވިއަސް އެފަދަ މަސައްކަތް އެވޯޑްކުރަނީ ޑައިރެކްޓްކޮށް ސަރުކާރުގެ މަގުހަދާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ ނޫނީ ރޯޑް ކޯޕަރޭޝަނާއި ކަމަށެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް 10.5 މިލިއަން ރުފިޔާ، 2022 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ.  އަލަށްފަށާ މަސްރޫއުއެއް ގޮތުގައި ހިމަނާފައިވާ، މިމަސްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުންނެވެ.

އެޖަލްސާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުވަނީ އިހަވަންދޫ ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަން އަލުން ފެށޭނެ ތާރީހަކާއި ބެހޭގޮތުންވެސް މިނިސްޓަރާއި ސުވާލުކޮށްފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މާކަ ލަސްތަކެއްނުވެ ހިއްކާ ނުނިމިވާ ބައި ހިއްކަން ފަށާނެކަމަށެވެ.