Banner Image Description

އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާނެގޮތުގެ ޝެޑިއުލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެމަނިކުފާނާއި އަދި ހިއްސާ ކޮށްފައި ނުވާކަމަށް، މިނިސްޓަރ ފޯރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފަރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓްގައިވާ މިންވަރަށް އަދި ނިމިފައިނުވާ ކަމަށާއި، އެމަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ ޑްރެޖަރުން ކަމަށާއި، އެތަންމިތަނުގައި އެކުންފުނީގެ މަސައްކަތްތަށް ހިނގަމުން ދާކަމުގައެވެ. އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތުގެ ބާކީބައި ނިންމާލުމުގެ މަސައްކަތް ފަށާނެ ވަކިތާރީހެއް  އެމްޓީސީސީއިން އަދި އަންގާފައި ނުވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތުގެ ބާކީބައި ނިންމާލުމުގެ މަސައްކަތް ކުރިޔަށް ދާނެގޮތުގެ ޝެޑިއުލް ދެއްވާނެކަމަށް އެމްޓީސީސީން ބުނެފައިވާކަމުގައެވެ.

އިހަވަންދޫ ބިންހިއްކަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 12 ވަނަދުވަހުއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުއަކީ 123,960,847.77 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުއެކެވެ.

އިހަވަންދޫ ބިންހިއްކުމަށް އެމްޓީސީސީއިން ބޭނުންކުރަނީ އެކުންފުނީގެ ޓްރެއިލް ސަކްޝަން ހޯޕާއެއް ކަމަށްވާ މަހާޖައްރާފެވެ. އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުންވެސް ހިމަނާފައިވެއެވެ.