އިހަވަންދޫ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮއްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގައި ފުޅާދާއިރާއެއްގައި ހާޑުވެއަރގެ ވިޔަފާރި ކުރާ ފިހާރައެއް ކަމަށްވާ ‘ހުވާސް’ ފިހާރަ ފަޅާލައި ވައްކަން ކޮއްފިއެވެ.

ހުވާސްފިހާރާގެ ފަރާތުން މިނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ ރޭ ކުރި ވައްކަމުގައި ވަގަށްނަގާފައި ވަނީ ފިހާރައިގެ ފައިސާ ރައްކާކުރާ ތިޖޫރީ ކަމަށެވެ. ފިހާރާގެ ވެރިފަރާތާ ހަވާލާދީ އެފަރާތުން ހާމަކުރިގޮތުގައި ތިޖޫރީގައި ދެލައްކަ ތިރީސްހާސް ރުފިޔާ ހުންނާނެ ކަމަށެވެ.

ފިހާރާގެ ބޭރާއި އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކޮށްފައި ވަނީ ރޭ މެންދަމުންއަލިވެ 3:00 ގާ ކަމަށާއި، ފިހާރައަށް ވަދެފައިވަނީ ބޮޑުޖުއްބާލައިގެން މޫނު ނިވާކޮށްގެން ހުރިމީހެއްކަމަށް ވީޑިއޯ ބެލި ފަރާތަކުން މިނޫހަށް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

މިމައްސަލައާ ގުޅިގެން މިނޫހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހއ. އިހަވަންދޫގެ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް ރޭ ފަތިހު 5:45 އެހާކަންހާއިރު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ފިހާރައިގެ ތިޖޫރީގައި ހުރި 230000 ރުފިޔާއާއި ފިހާރާގެ ކައުންޓަރ ވަތްގަނޑުގައި ހުރި ފައިސާތަކެއް ވަގަށް ނަގާފައިވާކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މިމައްސަލަ ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.