Banner Image Description

ޔޫތުން ހާންދުއަށް ބައިލައްކަ ރުފިޔާގެ ރެކޯޑް ބިޑެއް

.

2020 ވަނަ އަހަރުގެ މައިކަޕަށް “ތިންތަރިއަށް” ނިކުންނަ، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން، އިހަވަންދޫގެ ފުޓްބޯޅައިގެ ތާރީޚްގައި އަދި މައިކަޕްގެ ތާރީޚްގައި ވެސް ކުޅުންތެރިއަކަށް ކުރި އެންމެ ބޮޑު ބިޑް، އެން.ވީ.ކޭގެ ހުނަރުވެރި މިޑްފީލްޑަރ، ގުލްފާމުގޭ ހާމިދު (ހާންދު)އަށް ކޮށްފިކަމުގެ ޚަބަރު މި ނޫހަށް ލިބިއްޖެއެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ހާންދުއަށް ޔޫތުންކުރި ބިޑް، ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑެވެ. މި ބިޑްގައި އިތުރު ބޯނަސްތަކެއް ވެސް ހިމަނާފައިވާކަމަށް ޚަބަރު ލިބެއެވެ. އަދި އެހެން ޓީމަކާއެކު ހާންދު އެއްވެސް އެއްބަސްވުމަކަށް ވާސިލްވެފައި ވާނަމަ އެ އެއްބަސްވުމެއް ރޫޅައިލުމަށް ދައްކަން ޖެހިދާނެ އަގު އަދާކުރުމަށް ވެސް ޔޫތުން ތައްޔާރުވެފައިވާކަމަށް ވެއެވެ.

މި ފެންވަރުގެ ބިޑެއް ހާންދުއަށް ޔޫތުންކޮށްފައި މި ވަނީ   އިހަވަންދޫގެ ނަން ހިނގާ ވަރުގަދަ ކުޅުންތެރިންތަކެއްގެ ޑީލް ނިންމައި، އެކަން ޔޫތުން ހާމަކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޔޫތުން މި ނޫހަށް ކުރިން ބުނެފައި ވަނީ މި އަހަރުގެ މައިކަޕަށް ޔޫތުން ނިކުންނާނީ މައިކަޕްގެ ތަށި ތިން ފަހަރަށް ނަގާ ފުރަތަމަ ޓީމަށް ވުމުގެ އަޒުމުގައި ކަމަށެވެ. ޔޫތަކީ 9 ވަނަ އަދި 13 ވަނަ މައިކަޕްގެ ތަށި ހިއްލައިލި ޓީމަށްވާއިރު، މައިކަޕްގެ ތަށި އެއްވެސް ޓީމަކަށް ތިން ފަހަރަށް ހޯދިފައި ނުވެއެވެ.

ޔޫތުން ކުރި މި ބޮޑު ބިޑްގެ އިތުރު ތަފްސީލްދިނުމަށް ޔޫތުގެ އެއްވެސް ވެރިއަކު ބޭނުމެއް ނުވިއެވެ. އަދި މި ބިޑާ ގުޅިގެން ހާންދު ނިންމި ގޮތް ވެސް ސާފުވާ ގޮތެއް ނުވިއެވެ.