Banner Image Description

ކުޅިމަގަށް ތަފާތު ބޮޑު މޮޅެއް، ނައުޝާދަށް ރަތެއް

މަހްމޫދު ޢަލީ

މައިކަޕް ފުޓްބޯޅަ ޓުއަރނަމެންޓް 2019ގެ ކުއާޓަރ ފައިނަލް 3 ވަނަ މެޗްގައި ވާދަވެރި ހއ. މާރަންދޫގެ، މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސް ކްލަބް 3-0 ކުން ބަލިކޮށް މުބާރާތުގެ ސެމީގެ ޖާގައެއް ކުޅިމަގުން ޔަޤީންކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ހަވީރު 1600ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗް މޫސުމީ މައްސަލަތަކުގެ ސަބަބުން ރޭ 2000 އަށް ފަސްކުރުމާއެކު، ބެލެވިގެންދިޔައީ ވާދަވެރި ކުޅުމެއް މި މެޗްގައި ފެނިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ރޭގެ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށް މުބާރާތުގެ ސެމީގެ ޖާގައެއް ކުޅިމަގުން ކަށަވަރު ކުރީ މުޅިން އައު ރެކޯޑަކާއެކުއެވެ.

މެޗް ފަށައިގެން މެޗްގެ ކޮންޓްރޯލް ނެގުމަށް މާރަންދޫ ޓީމުން ކުރަމުންދިޔަ މަސައްކަތަށް ނިމުން އައީ، ކުޅިމަގަށް ލިބުނު ޕެނަލްޓީ ފަސޭހަކަމާއެކު ޢަބްދު ﷲ އިހްވާން ކާމިޔާބުކޮށް ސެމީގެ އުއްމީދު ކުޅިމަގަށް އައުކޮށްދިނުމުންނެވެ. އަދި ހުއްޓުމެއް ނެތި މާރަންދޫ ޓީމަށް ޕްރެޝަރކޮށް ކުޅިމަގު ޓީމުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއަކަށްވީ ޢަބްދުﷲ އިހްވާންގެ 2 ވަނަ ގޯލާއެކު ފުރަތަމަ ހާފްގެ ކޮންޓްރޯލް ކުޅިމަގުގެ މައްޗަށް އެނބުރި، ސެމީއަށް ދިއުމަށް އިތުރު އިތުބާރަކާއި ޔަގީންކަމެއް ކުޅިމަގުން ހޯދުމެވެ.

ދެވަނަ ހާފް މާރަންދޫއިން ފެށީ ކުޅުން ރަނގަޅުކޮށް ކުޅިމަގަށް ޕްރެޝަރކުރަމުންނެވެ. ކުރިއަށް ޖެހި މޮޅަށް ކުޅުމަށް މާރަންދޫއިން ކުރަމުން އައި މަސައްކަތް ހުއްޓިގެންދިޔައީ ޢަލީ ފަވާޒްގެ ހިތްގައިމު ލަނޑާއެކު، ފަރަގް ބޮޑުކޮށް ސެމީގެ ޖާގައެއް ކުޅިމަގުން ކަށަވަރުކުރުމުންނެވެ.

ޢަލީ ފަވާޒްގެ ލަނޑުން ލިބުނު ހިތްހަމަޖެހުމާއެކު، ހަމަޖެހިނުލެވެނީސް ކުޅިމަގުގެ ހުނަރުވެރި ފޯވާޑް އަހްމަދު ނައުޝާދު ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނޑުކާޑާއެކު ރަތްކާޑް ރެފްރީ ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން، ކުއާޓަރ ފައިނަލްގެ ތާރީޚީ މޮޅާއެކު ކުޅިމަގުން މެޗް ނިންމާލީ 8 ކުޅުންތެރިންނާއެކުއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅިމަގު ޓީމްގެ ފޯވާޑް ޢަބްދު ﷲ އިހްވާން އެވެ.

މުބާރާތުގެ ފުރަތަމަ ސެމީގައި ޑިސެމްބަރ 17 ވަނަ ދުވަހު ހަވީރު ވާދަކުރާނީ ޔުނައިޓެޑް ޔޫތާއި އެންވީކޭއެވެ. އަދި 17 ވަނަ ދުވަހުގެ ރޭ ދެވަނަ ސެމީގައި ކުޅިމަގާއި ދެކޮޅަށް ނިކުންނާނީ ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި ސެންސިޓީގެ މައްޗަށް 4-1 ކުން ކުރި ހޯދައި ސެމީގެ ޖާގައެއް އެންމެ ފަހުން ކަށަވަރުކުރި، އެޗްއެން ސްޕޯޓްސް ކްލަބްއެވެ.