ޚަބަރު

ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން އިހަވަންދޫގައި ފިޔަވަޅުތަކެއް

ހއ. އިހަވަންދޫގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑް 19 އަށް ފައްސިވުމާއި ގުޅިގެން، 28 މޭ 2021 ގައި ބޭއްވުނު އި.އޯ.ސީ ބައްދަލުވުމުން ރަށުގައި ހާއްސަ ފިޔަވަޅު ތަކެއް އަޅަން ނިންމާފިއެވެ. އިހަވަންދޫ ކައުންސިލްގެ އިދާރާއިން ދާދި ދެންމެ އިޢުލާނު ކޮށްފައިވާ ގޮތުގައި ހޯމްކަރަންޓީންގައިހުރި ފަރާތެއް، ހޯމް ކަރަންޓީންގެ އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވަނިކޮށް، އެ ފަރާތް، ކޮވިޑް 19 އަށް ފައްސިވެފައިވާތީ، އެފަރާތާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ހޯދައި އައިސޮލޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިގޮތުން މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އިހަވަންދޫގެ އީ.އޯ.ސީން ނިންމާފައިވާ ކަމަށް އިޢުލާނުގައި ވެއެވެ. އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް: • ޒަރޫރީ ބޭނުމެއްނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނިކުމެ ނޫޅުން. • ގެއިންބޭރަށް ނިކުމެއުޅޭ ހުރިހައި ހާލަތެއްގައި މާސްކު އެޅުން. • ކުޅިވަރުގެ ހަރަކާތްތައް މެދު ކަނޑާލުން. • އާއްމު އިޖްތިމާއި ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކުން ގަދުރުކަން ބެހެއްޓުން. • ގުރޫޕް ހަދައިގެން ތަންތަނަށް އެއްވެ. އުޅުން މަނާކުރުން. • ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާފަރާތްތަކާއި، ހައި ރިސްކު ބޭފުޅުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރަން އިސްކަން ދިނުން. • ސައި ހޮޓާ އަދި ފިހާރަތަކުގައި އިޖްތިމާއީ ގައިދުރުކަން ކަށަވަރުވާގޮތަށް، ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެޗް.ޕީ.އޭ ގައިޑްލައިންއާ އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖެއްސުން. އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ބަލަންޖެހޭ އިތުރު ބެލުންތައް ބެލުމަށްފަހު، އިތުރު ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިބްރާހިމް ނަޝީދު