ނަލައައްސޭރި ގޭގައި ރޯފި އަލިފާން ކޮންޓްރޯލް ކޮށްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ނަލައައްސޭރި ގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފިއެވެ. މިއަދު މެންދުރު 11:30 ހާއިރު ރޯވި މިއަލިފާން، ރަށުގެ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުން ކޮންޓްރޯލްކުރެވުނީ 13:15 ހާއިރުއެވެ. އަލިފާން ރިވެފައިވަނީ އެގޭގެ ދެކުނުފަރާތުގައި ހަދާފައިވާ ކޮޓަރިބަރިއެއްގައެވެ. މިހާދިސާގައި 2 ކޮޓަރިއެއްވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.

މިހާދިސާގައި އެއްވެސްމީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެކަކަށްވަނީ ސިއްހީމަރުކަޒުން ފަރުވާ ދީފައެވެ. ގޭގައި ދިރިއުޅޭ މީހަކުބުނީ އަލިފާންރޯވަން ދިމާވި ވަކިސަބަބެއް ނޭގޭކަމަށާއި، ގޭމީހުންނަށް ފެނުނުއިރުވެސް ހުރީ އަލިފާން ރޯވެފައި ކަމުގައެވެ. ބޮޑަށް އަލިފާން ރޯވެފައިވާ ބައިގައި ގިނަ އަދަދަކަށް ލަކުޑިހުރުމުން އަލިފާން ނިންވަން ވަރަށް އުނދަގޫވިއެވެ. އަލިފާން ކޮންޓްރޯލް ކުރެވުނީ ރަށުގެ އިރުމަތީ ފަރާތުމޫދަށް ހޮޅިގުޅައިގެން ޕަންޕުން ފެން ޖަހައިގެންނެވެ.

މިހާދިސާގައި ނަލައައްސޭރިޔާއި ޖެހިގެން ދެކުނަށްހުރި، ބަނަފްސާގެއަށްވެސް އަލިފާނުގެ އަސަރު ކޮންމެވެސްވަރަކަށް  ކުރިއެވެ. އެގޭގެ ޓިނުން ބަޔަކަށް އަލިފާނުގެ އަސަރު ކުރިނަމަވެސް އަލިފާން ފެތުރި ނުގަންނަނީސްވަނީ ކޮންޓްރޯލް ކޮށްފައެވެ.