އިހަވަންދޫ ސްކޫލުގެ އަހަރީ ދުވަހުގެ މައްސަލަ އެންމެފަހުން ކޯޓަށް ހުށަހަޅައިފި

މުޙައްމަދު އަކުރަމް

މި އަހަރު މެއި 25 ވަނަ ދުވަހަށް އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރޭ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 2016 ވަނަ އަހަރު ހައްދާދީފައިވާ ރަޖިސްޓްރީގައި ސްކޫލްގެ އުފަން ތާރީހު ބަޔާންކޮށްފައި ވަނީ ހަގީގަތާ ހިލާފު ސައްހަ ނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށް ކަނޑައެޅުމަށާއި، އިހަވަންދޫ ސްކޫލަކީ 14 މެއި 1979 ވަނަ ދުވަހު އިހަވަންދޫޫ ޕްރައިމަރީ ސްކޫލްގެ ނަމުގައި އިފްތިތާހުކޮށް ހިންގަން ފެށި ސްކޫލެއް ކަމަށް ކަނޑައަޅައި، މި ގޮތުގެ މައްޗަށް ސްކޫލުގެ ރަޖިސްޓްރީ އިސްލާހުކުރުމަށް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދެއްވުން އެދި މިރަށު އަންބަރީގޭ ޢަބްދުލްމާނިޢު ޙުސައިން، ސިވިލް ކޯޓުގައި މިއަދު ދައުވާކޮށްފިއެވެ.

2015 ވަނަ އަހަރާ ހަމައަށް އިހަވަންދޫ ސްކޫލުގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައީ ކޮންމެ އަހަރެއްގެ ވެސް މެއި 14 ވަނަ ދުވަހެވެ. އަދި ސްކޫލުގެ އުމުރު ގުނަމުން ދިޔައީ 14 މެއި 1979 ގައި އުފަންވި ސްކޫލެއް ކަމަށް ބަލައިގެންނެވެ. މި ގޮތުން 2015 ވަނަ އަހަރު ފާހަގަކޮށްފައި ވަނީ ސްކޫލުގެ 36 ވަނަ އަހަރީ ދުވަހެވެ. ނަމަވެސް އެއް އަހަރުގެ މެދުކެނޑުމަށްފަހު 2017 ވަނަ އަހަރު ފާހަގަކޮށްފައި ވަނީ 48 ވަނަ އަހަރީ ދުވަހެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ސްކޫލަށް އަމާޒުވިއެވެ.

އިހަވަންދޫ ސްކޫލުގެ އަހަރީ ދުވަހަށް މި ބަދަލު އައިސްފައި ވަނީ 2016 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް ހައްދައިދިން އައު ރަޖިސްޓްރީގައި ސްކޫލް އުފަންވީ 25 މެއި 1969 ގައި ކަމަށް ކަނޑައަޅާފައިވުމުންނެވެ.  އެ ރަޖިސްޓްރީގައި ބަޔާންކޮށްފައި ވަނީ އެ ތާރީހުގައި “މަކްތަބް ނޫރު” ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، މަކްތަބް ނޫރު 22 ފެބްރުއަރީ 1981 ގައި ބަދަލުވެފައި ވަނީ “އިހަވަންދޫ މަކްތަބް” އަށް ކަމަށާއި، އިހަވަންދޫ މަކްތަބް 17 ޖޫން 1987 ގައި ބަދަލުވެފައި ވަނީ “އިހަވަންދޫ މަދަރުސާ” އަށް ކަމަށާއި، އެ މަދަރުސާ “އިހަވަންދޫ ސްކޫލް” އަށް ބަދަލުވެފައި ވަނީ 21 ސެޕްޓެމްބަރ 2003 ގައި ކަމަށެވެ.

މާނިޢު ހުށަހެޅި ދައުވާގައި ބަޔާންކޮށްފައި ވަނީ 1969 އިން 1981 އާ ދެމެދު މަކްތަބް ނޫރުގެ ނަމުގައި އިހަވަންދޫގައި ސްކޫލެއް ހިންގާފައި ނުވާކަމަށާއި، އަދި 1981 އިން 1987 އާ ދެމެދު އިހަވަންދޫ މަކްތަބްގެ ނަމުގައި ވެސް ސްކޫލެއް ހިންގާފައި ނުވާކަމަށާއި، މި ތަންނަތަނަށް މި އަހަރު ތަކުގައި ކިޔަވަން ދިޔަ އެއްވެސް މީހަކު އިހަވަންދޫގައި ނޫޅޭ ކަމަށެވެ.

ދައުވާގައި ބަޔާންކޮށްފައި ވަނީ އިހަވަންދޫ ސްކޫލުގެ ފެށުމަކީ، މާ ކުރީ ޒަމާނެއްގައި ހިންގި މަކްތަބް ނޫރުގައި ކިޔަވައި ދިނުން ހުއްޓި، ކިޔަވައިދިނުމަށް ބޭނުންކުރި އިމާރާތް ވެސް ރޫޅާލައި ތަނުގައި ބޭނުން ކުރެވޭ ގޮތަށް ހުރިނަމަ ހުރި އެއްޗެއް ވިއްޔާ ނީލަމުގައި ވިއްކައި، މުޅި އެ މަކްތަބް ވުޖޫދުން ފޮހެވި ކިޔަވައިދިނުމުގެ ރަސްމީ އެއްވެސް ހަރަކާތެއް ނެތި، އިހަވަންދޫގެ ތައުލީމީ ކަންކަން ވަޅު ޖަހާފާވާތާ އަހަރުތަކެއް ފާއިތުވީ ފަހުން، ކިޔަވައި ދިނުމުގެ އެއްވެސް ވަސީލަތެއް ނެތި، ރައްޔިތުންގެ މުދަލާއި ހޭދައިން، އިހަވަންދޫ “ކާޑުގެ” ކިޔާ އިމާރާތެއްގެ ފެންޑާގައި، ވަރަށް ދެރަ ގޮތަކަށް މުޅިން އަލަށް 1979 މެއި 14 ވަނަ ދުވަހު އިފްތިތާހުކޮށް ހިންގަން ފެށި އިހަވަންދޫ ޕްރައިމަރީ ސްކޫލްކަމަށެވެ.

އިހަވަންދޫ ސްކޫލުގެ ދަރިވަރުން ޔުނީފޯމު އަޅަން އެންމެ ފުރަތަމަ ފެށީވެސް އިހަވަންދޫ ޕްރައިމަރީ ސްކޫލުގެ ނަމުގައި ސްކޫލު ހިންގިއިރު ކަމަށާއި، ބެޖުގައި ޖަހާފައި ވަނީ ވެސް އައި.ޕީ.އެސް ކަމަށާއި، އިހަވަންދޫ ސްކޫލް މިހާރު ހިންގާ ބިމުގައި އިމާރާތެއް ހަދައި އެތަނަށް ސްކޫލު ބަދަލު ކުރެވުނު އިރު ވެސް އެ ސްކޫލް ހިންގީ އިހަވަންދޫ ޕްރައިމަރީ ސްކޫލްގެ ނަމުގައި ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ. އަދި އިތުރަށް ބަޔާންކޮށްފައި ވަނީ މިކަން ހިނގާފައި ވަނީ މި ގޮތަށްކަމާމެދު އިހަވަންދޫގެ 50 އަހަރުން މަތީ ކޮންމެ މީހަކުމެ ދެބަސް ނުވާނެ ކަމަށާއި، އަދި މިއީ އެ މީހުންގެ ގަދަ ހަނދާނުގައި ހިނގާފައިވާ، އެއްވެސް ހިލާފެއް ނެތި ސާފުކޮށް އެނގެން ހުރި ކަންކަން ކަމެެއް ކަމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން 2016 ވަނަ އަހަރު ހައްދާ ދީފައިވާ ރަޖިސްޓްރީގެ ސަބަބުން ނު ހިނގާ ކަންތައްތަކެއް ހިނގިކަމަށް ހަދަން އިހަވަންދޫ ސްކޫލަށް މަޖުބޫރުވެ އޭގެ ނަތީޖާއެއްގެ ގޮތުން 2015 ވަނަ އަހަރު 36 އަހަރު ފާހަގަ ކުރި ސްކޫލުން، ބުހުތާނެއްގެ މައްޗަށް ބިނާކޮށް މި އަހަރު މިހާރު ފާހަގަކުރަމުން ދަނީ 50 ވަނަ ރަން ޖުބުލީކަން ދައުވާގައި ފާހަގަކޮށްފައިވެއެވެ.

އަދި ހަމައެހެންމެ، އިހަވަންދޫ ސްކޫލުގެ މާޒީގެ އެންމެ މުހިއްމު އިވެންޓްތައް ކަމުގައިވާ، އެ ސްކޫލު އިހަވަންދޫ ޕްރައިމަރީ ސްކޫލުގެ ނަމުގައި ހިންގުމާއި، އެ ސްކޫލުގެ ދަރިވަރުން އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ޔުނީފޯމާއި އެ ޔުނީފޯމުގައި ހަރުކޮށްފައިވާ ބެޖާއި، މި އެންމެހައި ހަގީގަތްތަކަކީ ނުވާ ކަންކަން ގޮތުގައި ބަލައިގަންނަން ސްކޫލަށް މިހާރު މަޖުބޫރުވެފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން އިހަވަންދޫ ސްކޫލާ ގުޅޭ އެއްވެސް ރިޕޯޓެއްގައިމެ އިހަވަންދޫ ޕްރައިމަރީ ސްކޫލްގެ ނަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައި ނުހުންނަކަން ވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހައްދާދީފައިވާ މި ސައްހަ ނޫން ރަޖިސްޓްރީގެ ސަބަބުން އިހަވަންދޫ ޕްރައިމަރީ ސްކޫލުން ތައުލީމު ހާސިލުކުރި އެތައް ސަތޭކަ އިސް ދަރިވަރުންނެއް ވަނީ އިހަވަންދޫ ސްކޫލުގެ އިސްދަރިވަރުންކަމުގެ ޝަރަފުން މަހުރޫމުވެފައިކަމަށް ވެސް ދައުވާގައި އިޝާރާތްކޮށްފައިވެއެވެ.

މިހެންވެ މި ދެންނެވި ރަޖިސްޓްރީގައިވާ ހަގީގަތާ ހިލާފު މައުލޫމާތު ބާތިލުކޮށް ސައްހަ ގޮތް ކަނޑައެޅައި އެ ގޮތުގެ މައްޗަށް ރަޖިސްޓްރީ ހައްދައިދިނުމަށް އަމުރުކޮށްދެއްވުން އެދި، އެ ސްކޫލުގެ އިސްދަރިވަރެއްގެ ހައިސިއްޔަތުން ދައުވާ ހުށަހެޅީކަމަށް ދައުވާ ފޯމުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅިއިރު، މި މައްސަލައާ ގުޅޭ ގޮތުން މީސްމީޑިއާގައި ބަހުސްކުރެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.