Banner Image Description

ނަސީރުގެ ފަލްސަފާ – އާއިލީ ގުޅުމުގެ ތެރެއިން މަޖިލިސް މެމްބަރުނެގުން!

މުޙައްމަދު އަކުރަމް

އިހަވަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ބޭފުޅަކު އިންތިހާބުކުރުމާއި ގުޅޭގޮތުން، އަމިއްލަ ގޮތުން އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ނަސީރު އެބޭފުޅާގެ ފަލްސަފާ  ހާމަކުރައްވައިފިއެވެ. ނަސީރުގެ މިފަލްސަފާ ހާމަކުރެއްވީ މިއަދު ޓީވީއެމްއިން ގެނެސްދިން އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސީރު ވިދާޅުވީ އަޅުގަނޑުމެން މިހާރު އިހަވަންދޫއިން މިފަށައިގެންއުޅޭ މައިގަނޑު އެއް އަސާސަކީ އާއިލާ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންގެ މަޖިލިސް މެމްބަރު ނެގުންކަމުގައެވެ. ނަސީރުގެ ވިސްނުން ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ، އެއީ ޕާޓީނިޒާމް އައިސްގެން އާއިލާތަކުން ކެނޑިފައިވާގުޅުންތައް ބަދަހިކޮށް އަޅުގަނޑުމެންގެ އާއިލާތައް ޒިންމާދާރުކޮށް، އެއް އާއިލާ އަނެއް އާއިލާޔާއި ރަނގަޅަށްގުޅި ބަދަހިވެގެން އަޅުގަނޑުމެންގެ މަޖިލިސް މެމްބަރު ނެގުންކަމުގައެވެ.

ނަސީރު ވިދާޅުވީ މިކަމުގެ ނަތީޖާ އަކަށްވާނީ ކޮންމެ ރަށެއްގައިވެސް އުފެދިފައިވާ އެންމެ ބޮޑު އާއިލާތަކުގެ ރުހުން ލިބިގެން މަޖިލިސް މެމްބަރެއް އައުންކަމުގައެވެ. ނަސީރު ވިދާޅުވީ މިހެން ހެދުމުން އެރަށެއްގެހުންނަ އުނިސިފަތަކާއި އަދި ބޭނުންވެފައިވާ ކަންކަން އިއްވުމަށް، އެއިރަކު އެދުވަސްވަރެއްގައި އޮންނަ އާއިލާއެއްގެ އެންމެ އިސްފަރާތަކަށް މަޖިލިސް މެމްބަރަކަށް ވެވޭނެކަމުގައެވެ.

ނަސީރުގެ އިތުރުން 19ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރާ އަނެއް 3 ކެނޑިޑޭޓުންވެސް މިބަހުސްގައި ބައިވެރިވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވާދަކުރުމަށް ނަސީރު ފުރަތަމަ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް އެބޭފުޅާ ފަހުންވަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް އަލުން ފޯމް ހުށަހަޅުއްވާފައެވެ.