ކުރިމަތިލުމުގެ ވިސްނުމެއްނެތް – މުހައްމަދު ރަޝީދު

މުޙައްމަދު އަކުރަމް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕުރައިމަރީން ނާކާމިޔާބުވި، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަގާމްވެސް ފުރުއްވަމުން ގެންދަވާ މުހައްމަދު ރަޝީދު ވިދާޅުވީ އެބޭފުޅާ ޕާޓީގެ އުސޫލްތަކަށް އިހްތިރާމް ކުރައްވާ ކަމުގައެވެ. އެމްޑީޕީގެ ޕްރައިމަރީގައި މުހައްމަދު ރަޝީދުއަށް ލިބިލެއްވީ 342 ވޯޓެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން އިއްޔަ ކަނޑައެޅުމާއިއެކު، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޕްރައިމަރީތަކުން ނާކާމިޔާބުވި ކެނޑިޑޭޓުންނަށްވަނީ ހުޅުވިގެން ގޮސްފައެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއިން ބަލިވި ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ހުށަހަޅައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. ނަމަވެސް ޕްރައިމަރީން ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައެވެ.