ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޝިފާޢު، ބުލްބުލާގެ / ހއ. އިހަވަންދޫގެ މާލީ ބަޔާން އާންމު ކުރައްވައިފި އެވެ.
އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލީ ބަޔާން، އެޕާޓީން ދަނީ އާންމުކުރަމުންނެވެ، އެމްޑީޕީގެ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް ހާމަކުރަން ނިންމާފައިވަނީ ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ދެފުއްފެންނަ ގޮތަކަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.
މުޙައްމަދު ޝިފާޢުގެ މާލީ ބަޔާނުގައި ވާގޮތުން އެބޭފުޅާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގަންނަވަނީ އެންޓްރެކް ހޯލްޑިން ޕުރައިވެޓު ލިމިޓެޑުގެ ޕާޓުޓައިމް ވަޒީފާއަކުން ލިބިލައްވާ 8000 ރުފިޔާ އެވެ. ކުލި، ވިޔަފާރި އަދި ކުންފުންޏާއި ޕާޓްނަރޝިޕް ހިއްސާ ލިބިނުލައްވާއިރު، މިހިނގާ ފެބުރުވަރީ މަހު ޝިފާޢުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ހަމައަށް އެބޭފުޅާގެ ބޭންކު އެކައުންޓުތަކުގައި ހުރީ ޖުމުލަ 10730 ރުފިޔާ 60ލާރި އާއި 123.12 ޔޫއެސް ޑޮލަރެވެ.
އަމިއްލަ ނަމުގައި ބޭންކު އޮފް މޯލްޑިވްސް އިން 948094 (ނުވަ ލައްކަ ސާޅީސް އަށްހާސް ނުވަދިހަ ހަތަރު ރުފިޔާ) ގެ ލޯނެއް ނަންގަވާފައިވާއިރު މިހާތަނަށް ލޯނުގެ ނުދައްކާ ބާކީ 313668.60 (ތިން ލައްކަ ތޭރަހާސް ހަސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ފަސްދޮޅަސް ލާރި) ގެ ދަރަންޏެއް ވާކަމަށް ޝިފާޢުގެ މާލީ ބަޔާނުގައި ވެއެވެ.