މިއަހަރުގެ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިހަވަންދޫ ދާއިރާއިން ވޯޓު ލުމުގެ ހައްޤު ލިބިފައި ވަނީ ޖުމުލަ 3195 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ލިސްޓުން ދައްކައިފިއެވެ.
އިހަވަންދޫ ދާއިރާގައި ހިމެނޭ އިހަވަންދޫ، މޮޅަދޫ އަދި މާރަންދޫގެ ތެރެއިން ވޯޓު ލުމުގެ ހައްޤު ލިބިފައިވާ 2229 މީހުން އިހަވަންދޫ ގައި ތިބިއިރު، މޮޅަދޫގައި ތިބީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ 290 މީހުން ނެވެ. އަދި މާރަންދޫއިން މިއިންތިހާބުގައި ވޯޓުލުމުގެ ހައްޤުލިބިފައި ވަނީ 676 މީހުން ނަށެވެ.
ރައްޔިތުންމަޖިލިސް އިންތިހާބު 2014 ގައި އިހަވަންދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 2838 މީހުންނަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 2019 ފެބުރުވަރީ 09 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް އޮންނާނެ ކަމަށެ އެކޮމިޝަނުން ހާމަކުރައްވާފައި ވެއެވެ.
އީސީގެ އިއުލާންގައިވާ ގޮތުން މާލޭގައި ނަމަ ޝަކުވާ ހުށަހަޅަން ޖެހޭނީ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މާލެ ފިޔަވައި، މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ޝަކުވާ ބަލައިގަންނާނެ އެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ.