އަންނަ އަހަރަކީ އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރޭ އުފާވެރި އަހަރެވެ. މިހެންވެ، މިކަން ކުލަގަދަކޮށް ފާހަގަކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރަންޔޫބީލް ޓާސްކް ފޯސްއިން މިހާރުވަނީ ޖުމުލަ 8 ކޮމިޓީ އުފައްދާ، ކޮމިޓީ ތަކުގެ މަސްއޫލިއްޔަތު ކޮމިޓީތަކާ ހަވާލު ކޮށްފައެވެ.
ކޮމިޓީ ތަކުގެ ތެރޭގައި ހިމެނެނީ، އޯގަނައިޒިންގ ކޮމިޓީއާއި ޕްރޮޕޯސަލް ކޮމިޓީއާއި އިވެންޓް ކޮމިޓީއާއި ރަންޔޫބީލް ރަށު މީޑިއާ ކޮމިޓީއާއި ރަންޔޫބީލް މާލެ މީޑިއާ ކޮމިޓީއާއި މާލެ ކޮމިޓީއާއި ސްޓިއަރިން ކޮމިޓީގެ އިތުރުން ބަޖެޓް ކޮމެޓީ އެވެ. މި ހުރިހާ ކޮމިޓީތަކުންވެސްދަނީ އެއް ރޫހެއްގައި މި މުނާސަބަތު ކާމިޔާބު ކުރަން ހިތްވަރާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މިދިޔަ ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހަކީ އެގޮތުން ފާހަގަކޮށްލެވޭ މުހިއްމު ހަރަކާތެއް ހިންގި ދުވަހެކެވެ. އެ ހަރަކާތަކީ ރަންޔޫބީލްއަށް ފަންޑު ހޯދުމަށް އައިސްކިރިމު ދުވަހުގެ ނަމުގައި ހިންގި ހަރަކާތެކެވެ. މި ހަރަކާތުގައި ގިނަ ފަރާތްތަކަކުން ބައިވެރިވި އެވެ. ވަކީން ހާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންގެ ހޫނު ތަރުހީބެއް މި ހަރަކާތައް ލިބުނުކަން ފާހަގަވިއެވެ. އޭގެއިތުރުން، ސްކޫލްގެ މުވައްޒަފުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ފާހަގަވިއެވެ. އައިސްކިރިމު ދުވަހުގެ އިތުރުންވެސް ފަންޑު ހޯދުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތް ދުވަސް ތަކުގައި ހިންގާނެކަމަށް މައުލޫމާތު ލިބެއެވެ.
މި މުނާސަބަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބްދުއްސަމަދު ވިދާޅުވީ އެބޭފުޅުން ބޮޑަށް ބޭނުންވަނީ ކުދިންނާ ގުޅުންހުރި، ދަރިވަރުންނަށް ފައިދާކުރާނެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމުގައެވެ. މީގެއިތުރުން، ސްކޫލް ތަރައްގީވާނެ، އުނގެނުމާއި އުނގަންނާ ދިނުމަށް އިތުރު ކުރިއެރުންތައް ލިބޭނެ ފަދަ ކަންކަން ކުރަން ބޮޑަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތައް ތިރީގައި މިވަނީ އެވެ.
މީގެތެރެއިންވެސް އައިސީޓީ ވަސީލަތްތައް މުއްސަނދިކުރުމަކީ ހާއްސަކޮށް ފާހަގަ ކޮށްލެވޭ ކަމެއް ކަމަށް ޑީޕީ ވިދާޅުވިއެވެ.
ޑީޕީ އިތުރަށް ވިދާޅުވީ، ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ މީހުންގެ އެއްބާރުލުން ލިބިގެން ކަމަށާއި މި ހަރަކާތްތައް ވެސް ކާމިޔާބު ކަމާއެކު ނިންމާލުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ބެލެނިވެރިންގެ އެއްބާރުލުން ނުހަނު މުހިއްމު ކަމުގައި ފާހަގަކުރިއެވެ.
ބެލެނިވެރިންގެ އިތުރުން ސްކޫލްގެ އިސްދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުންނާއި ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންނާއި ޒުވާނުންނާއި އޮޑިވެރިންނާއި ވިޔަފާރި ވެރިންގެ އެއްބާރުލުންވެސް މުހިންމު ކަމުގައި ޑީޕީ ވިދާޅުވިއެވެ. ޖުމުލަކޮށް ހުރިހާ އެންމެން ޚިޔާލާއި އެއްބާރުލުން ބޭނުންވާ ކަމަށް ޑީޕީ ވިދާޅުވިއެވެ.
މިހާރު ކުރަން ނިންމާފައިވާ ކަންކަމަކީވެސް މި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހިމެނިގެން ކުރަން ނިންމާފައިވާ ކަންކަން ކަން ފާހަގަކޮށް ޑީޕީ ވިދާޅުވީ ރަންޔޫބީލް ފާހަގަ ކުރަން ބޭނުންވަނީ ހުރިހާ އެންމެން ޝާމިލު ވާގޮތަށް ކަމަށެވެ. އަދި މި ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ. އެންމެން ބައިވެރިވެގެން މިކަން ފާހަގަ ކުރުމަށް ނިންމާފައިވާއިރު، ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށްމެ ތަންމިނަށް ހުޅުވާލާފައި ވާކަން ފާހަގަކޮށްލެވެއެވެ. ހުށަހެޅޭ ޚިޔާލު ތަކަކީ ރަށާއި ސުކޫލަށް ފައިދާހުރި ކަންކަން ކަމުގައިވާނަމަ ކޮމިޓީން މަޝްވަރާކުރުމަށްފަހު ހިންގާ ހަރަކާތް ތަކުގެ ތެރޭގައި ހިމަނާނެ ކަމަށް ޑީޕީ ވިދާޅުވިއެވެ.
ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހިމަނައިގެން ރަންޔޫބީލް ލޯގޯވެސް މިހާރު ވަނީ ފަރުމާކޮށް ނިމިފައެވެ. މި މުނާސަބަތުގައި ބޭނުންކުރުމަށް ފާސްކޮށްފައިވާ ލޯގޯ ތިރީގައި މިވަނީއެވެ.
ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތަކަކީވެސް އުނގަންނާ ދިނުމާއި ތަރުބިއްޔަތު ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވާތީ މިކަންކަންވެސް ރަންޔޫބީލް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގައި ހިމަނާފައިވެއެވެ. ރަންޔޫބީލް ފާހަގަ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާއިރު، “މިހުރިހާ ހަރަކާތްކަކީވެސް ވަރަށް ދެފުށް ފެންނަ ގޮތަށް ހިންގާ ހަރަކާތް ތަކަކަށް ވާނެ” ޑީޕީ ވިދާޅުވިއެވެ.
މި ހުރިހާ ތައްޔާރީ ތަކެއް ވާއިރު، އަންނަ އަހަރު ސްކޫލަށް 50 އަހަރު ނުވާނެ ކަމަށް ގަބޫލު ކުރާ މީހުންވެސް އުޅެއެވެ. ސްކޫލަށްވީ ދުވަހާމެދު ގިނަ ޚިޔާލު ތަފާތުވުންތަކެއް ހުރިއިރު، އަންނަ އަހަރު ސްކޫލަށް 50 އަހަރު ނުވާނެ ކަމަށް ބުނާ މީހުންގެ ތެރޭގައި ޣަނީ ކަތީބާއި ރަށުގެ ބައެއް އިސްރަށްވެހިންވެސް ހިމެނެއެވެ.
މިކަމާ ގުޅޭ ގޮތުން ޑީޕީ ވިދާޅުވީ، ތާރީޚު ބިނާ ވެގެން ދާނީ ރަސްމީ ލިޔެކިޔުން ތަކުގެ މައްޗަށް ކަމަށާއި 2016 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކުގެ ތާރީޚު ރިވިއު ކުރި ކުރުމުގައި އަންނަ އަހަރު މިސްކޫލަށް 50 އަހަރު ފުރޭކަމަށް ސާބިތުވާ ކަމަށެވެ. އަދި ހެއްކެއް ގަރީނާއެއް ނެތި ބުނާ ބުނުން ތަކަކަށް ތާރީޚު ބަދަލު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަތީގައިވާ ރަޖިސްޓަރީއިން ސްކޫލް އުފެދިފައިވާ ތާރީޚަކީ 25 މެއި 1969 ކަމަށް ވާތީ މިއަހަރު ސްކޫލްގެ އަހަރީ ދުވަސް ފާހަގަ ކުރީ މި ތާރީޚަށް ބަލައިގެންނެވެ. އަދި މި ރަޖިސްޓަރީއަކީ އެންމެ ފަހުގެ ރަޖިސްޓަރީ ކަމަށް ވާތީ، ކަމާ ބެހޭ ފަރާތުން ރަޖިސްޓަރީ ބަދަލު ނުކުރާހާ ހިނދަކު ކުރިއަށް އޮތް އަހަރު ތަކުގައި ވެސް އަހަރީ ދުވަސް ފާހަގަކުރާނީ މި ތާރީޚަށް ބަލައިގެންނެވެ.
މި ރަޖިސްޓަރީގައިވާ ގޮތުން ސްކޫލް ފުރަތަމަ ރަޖިސްޓަރީ ކުރެވިފައިވަނީ މަކްތަބު ނޫރުގެ ނަމުގައި 25 މެއި 1969 ގައެވެ. އޭގެފަހުން 1981ގައި ސްކޫލްގެ ނަން އިހަވަންދޫ މަކްތަބަށް ބަދަލު ކުރެވުނު ކަށާއި 1987ގައި މިނަން އިހަވަންދޫ މަދަރުސާއަށް ބަދަލު ކުރެވުނު ކަން ވެސް މި ރަޖިސްޓަރީއިން ސާފުއެވެ. އަދި އެންމެ ފަހުން 2003ގައި އިހަވަންދޫ ސްކޫލް ގެ ނަމަށް ސްކޫލްގެ ނަން ބަދަލު ކުރެވުނު ކަން ވެސް ސާފުވެއެވެ.
25 މެއި 1969 މިއީ އިހަވަންދޫގައި އެންމެ ފުރަތަމަ ރަސްމީ ތައުލީމު ދޭން ފެށި ތާރީޚުކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އަރުޝީފުގައި ފެންނާން ހުރި އެންމެ ދުވަސްވީ ލިޔުންތަކުން ސާބިތުވާ ކަމަށް މިނިސްޓްރީން ބުނާކަމަށް ޑީޕީ ވިދާޅުވިއެވެ. ނަމަވެސް އޭގެ ކުރިންވެސް ސަރުކާރުގެ ފަރާތުން މި ރަށުގައި ރަސްމީ ތައުލީމު ދިންކަން ތުންތުން މަތިން ސާބިތުވާކަމަށްވެސް ޑީޕީ ވިދާޅުވިއެވެ. އެހެންކަމުން، އަންނަ އަހަރު ސުކޫލްގެ ރަންޖޫބީލް ފާހަގަކުރުމަށް ތާރީޚީ ގޮތުން ބަލާއިރު އެއްވެސް ހުރަހެއް ނެތެވެ.