Banner Image Description

ގޯތި ދިނުން މަޑުޖައްސާލާފައި ވަނީ ހައުސިންމިނިސްޓުރީގެ ލަފައެއް ލިބެންދެން

ޢަބުދުﷲ ޙަމީދު

އިހަވަންދޫން ބަންޑާރަ ބަންޑާރަ ގޯތި ލިބިފައިވާ ކަމުގެ ލިޔުން ދޫކޮށް، ބިން ދައްކާފައިވާ ފަރާތްތަކަށް ބިންހަވާލު ކުރުމުގެ މަސައްކަތް ހުއްޓިފައި ވަނީ ހައުސިން މިނިސްޓްރީގެ ލަފައެއް ލިބެންދެން ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އިހަވަންދޫން ގޯތި ދޫކުރުމަށް ކައުންސިލުން 2016 އޯގަސްޓް 10 ގައި ކުރި އިއުލާނާ ގުޅިގެން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް ކުރިމަތިލީ 401  ފަރާތުގެ ތެރެއިން، ގޯތި ލިބުނު 100 ފަރާތަކަށް އިހަވަންދޫ ކައުންސިލުން ވަނީ ގޯތި ލިބުނު ކަމުގެ ލިޔުން މިއަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ހަވާލު ކޮށްފައެވެ. އަދި އެފަރާތްތަކަށް ބިން ލިބޭ ސަރަހައްދު ތައް ގުރުނަގައިގެން ކަނޑައަޅައި ގޯތި ލިބުނު ފަރާތްތަކަށް ވަނީ ބިން ސާފު ކުރުމަށްވެސް އަންގާފަ އެވެ. ނަމަވެސް އޭގެ ފަހުން ގޯތި ދިނުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ، ގޯތި ލިބިފައިވާ ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

އިހަވަންދޫ ކައުންސިލުން ގޯތި ދިނުމުގެ މަސައްކަތް ކޮށްފައި ވަނީ ކައުންސިލް އެއްކޮށް ސަސްޕެންޑު ކޮށްފައިވާ މުއްދަތުގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ. ގޯތު ދިނުމުގެ މަސައްކަތް ކޮށްފައި ވަނީ ހައުސިންގ މިނިސްޓުރީގެ ޓީމެއްގެ ބެއްލެވުމުގެ ދަށުން އެކަމަށްޓަކައި އުފައްދާފައިވާ ކޮމެޓީ އަކުންނެވެ.

މިކަމާ ގުޅޭގޮތުން މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ބިމާބެހޭ އެންމެހާ މުއާމަލާތު ތައް ކައުންސިލްގެ ދަށުން ނަގައި ގޯތި ދިނުމުގެ މަސައްކަތްވެސް ކޮށްފައި ވަނީ މިނިސްޓުރީން ކަމަށް ވެފައި، އެމަސައްކަތްތައް އަލުން ފެށެން އޮތީ ހައުސިން މިނިސްޓުރީގެ ލަފައެއް ލިބިގެން ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލުން ނަގާފައިވާ ބާރުތައް އަލުން އަނބުރާ ދީފައި ވާކަން މިހާތަނަށް އަދި އަންގާފައި ނުވާކަމަށެވެ. މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކައުންސިލް ތަކަށް ބާރުތައް ދިނުމަށް ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި، އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

 ގޯތި ދިނުމުގެ ކަންތައްތައް ހިނގާފައިވާ ގޮތައް ބަލާއިރު، ޕޮއިންޓު ދިނުމުގައި މައްސަލަ ތަކެއް އެބަހުރިކަން ފާހަގަ ކުރައްވާ އެކަންތައްތައް ދިރާސާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މައްސަލަތައް ހުރި ފަރާތްތައް ފިޔަވައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތް ގޮތަށް ދެން ހުރި މަރުހަލާތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ރެކޮމަންޑު ކުރައްވާ ކަމަށްވެސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މުޙައްމަދު ރަޝީދު އިތުރަށް ވިދާޅުވީ، ގޯތި ލިބޭ ފަރާތްތަކަށް ޕޮއިންޓު ދީފައިވާ ގޮތާއި ގުޅޭ 26 މައްސަލައެއް ކައުންސިލަށް ހުށައަޅާފައިވާ ކަމަށާއި އެމައްސަލަތައް ބަލާނެ ކަމަށެވެ.