ސުކޫލުގެ އައު އިމާރާތް ނިންމާ ހަވާލުކޮށްފި

.

އިހަވަންދޫ ސުކޫލުގައި އަލަށް އިމާރާތް ކުރެވުނު 12 ކުލާސްރޫމުގެ 3 ބުރީ އިމާރާތް ނިންމާ ސުކޫލާ ހަވާލުކޮށްފިއެވެ.

އިހަވަންދޫ ސުކޫލުގައި މިކަމަށްޓަކައި މިއަދު ހަވީރު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ސުކޫލުގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުން ބައިވެރިވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓުރީގެ ސްޓޭޓު މިނިސްޓަރ އަލްފާޟިލް އަހުމަދު ޝަފީއު އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ސުކޫލުގެ ޕުރިންސިޕަލް އަލްފާޟިލް އަޙުމަދު ރަޝީދު ވިދާޅުވީ އިހަވަންދޫ ސުކޫލަކީ ހއ. އަތޮޅުގެ ރަށްތަކުގެ ސުކޫލުތަކާ އަޅާބަލާއިރު، އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ ސުކޫލު ކަމަށާއި މި އިމާރާތާއި އެކު ސުކޫލުގެ ކިޔަވައިދިނުމަށް އިތުރު ފަހިކަމެއް، ލުއި ކަމެއް ލިބިގެންދާނެ ކަމަށެވެ.

ސްޓޭޓު މިނިސްޓަރ އަލްފާޟިލް އަހުމަދު ޝަފީއުގެ ވާހަކަ ފުޅުގައި އިހަވަންދޫ ސުކޫލަށް އިތުރު ކުރެވުނު 12 ކުލާސްރޫމުގެ އިމާރާތަކީ 12 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަން ފާހަގަ ކުރެއްވި އެވެ.

މިސަރުކާރުން ހިންގާފައިވާ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަގެ މައުލޫމާތު ގެނެސްދޭ ވެބުސައިޓު ގައިވާ ގޮތުން އިހަވަންދޫ ސުކޫލަށް އިތުރު ކުރެވުނު އިމާރާތަށް ހަރަދު ކޮށްފައިވަނީ ޖުމުލަ 12,794,472.59 (ބާރަ މިލިޔަން ހަތްލައްކަ ނުވަދިހަ ހަތަރުހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި އެވެ.

އިހަވަންދޫ ސުކޫލުގައި އަލަށް އިމާރާތްކުރި 3 ބުރީގެ އިމާރާތުގެ ބިންގާ އަޅާފައި ވަނީ 17 އޭޕުރީލު 2013 ވަނަ ދުވަހު އޭރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާސިމް އަހުމަދުއެވެ.