މާފިނޮޅުގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓް އެޅުމަށް ހއ. މާފިނޮޅުން ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މާފިނޮޅުގެ ބިން ހިއްކަން ފެށުމުގެ ގޮތުން ހުކުރު ދުވަހުގެރޭ ހއ. ހޯރަފުށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު، އެރަސްމިއްޔާތުގައި ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. އަދި އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެ ސަރަހައްދަށް ގޮސްފައިވާ އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާ ޖައްރާފަށް ހއ. ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން ވަނީ ފަރިވަޅެއްވެސް އަރުވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމަން ޖެހެނީ 203 ދުވަހުން ކަމަށް ވިޔަސް، އޭގެކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މާފިނޮޅުގެ ބިން ހިއްކުމާ ބެހޭ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ލިބިފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 64 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ މަޝްރޫއުގެ ދަށުން 16 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކާނެ އެވެ.

ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމުގެ ގޮތުން މިއަހަރު ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިޢުލާނު ކޮށްދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނުގައެވެ.