Banner Image Description

ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ޢަބުދުﷲ ޙަމީދު

ބުރެވި ތޫފާނުގެ އަސަރުކޮށްގެން ހާލުގައި ޖެހުނު ސްރީލަންކާގެ 2 މަސްބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން “ބުރެވި”ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޑަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހާލުގައި ޖެހިފައިވާ ދެ ބޯޓު ހދ.ކުމުންދޫގެ ބޭރުން ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ “މޫސުން 7” ނަމަކަށް ކިޔާ ދޯންޏަކަށެވެ. މި ދެ ބޯޓު ފެނިގެން މި ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 08:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ސުރީލަންކާގެ ދެ ބޯޓުގެ ތެރެއިން “ސެނެ ދުއާ” ބޯޓުގައި ފަސް ފަޅުވެރިން ތިބި އިރު “ޖެ ޕްރަސަންސަ ވެ” ބޯޓުގައި ހަ ފަޅުވެރިން ތިބިކަމަށާއި މި ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 ހާއިރު މި ދެ ބޯޓު ހދ.ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.