Banner Image Description

އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ

މުޙައްމަދު އަކުރަމް

ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ރައުންޑް މިހިނގާ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކުރިޔަށްގެންދިޔަ މިމުބާރާތުގެ ފުރަތަމަ ރައުންޑް ނިމިފައިވަނިކޮށް މުބާރާތް މެދުކަނޑައިލީ ކޮވިޑް އައުޓް ބްރޭކެއް އިހަވަންދޫގައި ފެތުރުމާއި ގުޅިގެންނެވެ.

މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މުބާރާތުގައި ބައިވެރިވި 11 ޓީމް، ޖުމްލަ 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ދެވަނަ ބުރަށް ވަނީ ދަތުރު ކޮށްފައެވެ. ދެވަނަ ބުރު ދެ ގްރޫޕަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ހޯރަފުށީ ކޮމިއުނިޓީ ސެންޓަރ، ދިއްދޫ އެޗްއެން ސްޕޯރޓްސް، މާރަންދޫ ބަނޑޭރި ސްޓަރ، މާރަންދޫ ޔޫތް ސޮސައިޓީ، ނޮޅިވަރަމް ކައުންސިލްގެ ރެކްރިއޭޝަން ކްލަބް އަދި އިހަވަންދޫއަށް ނިސްބަތްވާ އެންވީކޭއެވެ.

އިހަވަން ކަޕްގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ހދ. ނޮޅިވަރަމްގެ ޓީމެއް ކަމަށްވާ ކުލަބު ޕެނީއެވެ.

މިފަހަރުގެ އިހަވަން ކަޕްގައި ޖުމްލަ 11 ޓީމެއް ބައިވެރިވިއެވެ. އެއީ ހއ. މުރައިދޫ ފުޓްބޯޅަ ޓީމް، ނޮޅިވަރަމް ކައުންސިލް، މާރަންދޫ ބަނޑޭރި ސްޕޯރޓްސް، މާރަންދޫ ޔޫތް ސްޕޯރޓްސް، ދިއްދޫ އެޗްއެން ސްޕޯރޓްސް، ހޯރަފުށި، ސެންސިޓީ، ސެންސިޓީ ޖޫނިއާރސް، ކުޅިމަގު، އަރާދުވާ އަދި އެންވީކޭއެވެ.