މާރަންދޫ ޔޫތް ސޮސައިޓީއަށް ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން ލިބުމުން، އެޓީމަށް ލިބުނު ކާމިޔާބު، މަރަންދޫ ފުނަމާގޭ ހަސަން ހުސެން (ބަގީ) އަށް ހާއްސަ ކޮށްފިއެވެ.
2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު، އުމުރުން 36 އަހަރުގައި ނިޔާވި ބަގީ އަކީ މާރަންދޫ ޔޫތް ސޮސައިޓީގެ މުހިއްމު ކުޅުންތެރިއެކެވެ. ޒުވާން އުމުރުގައި، ކެންސަރު ބަލީގައި އެތަކެއް ވޭނާއި ކެކުޅުން ތަޙައްމަލު ކުރުމަށްފަހު ދުނިޔެ ދޫކުރި ބަގީވަނީ އިހަވަންދޫގައި ބޭއްވި ގިނަ މުބާރާތް ތަކެއްގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުވެސްވަނީ އެކަން ފާހަގަކުރައްވާ ބަގީގެ ހަދާންތައް އާކުރައްވާފައެވެ. “ބަގީނެތުމަކީ މާރަންދޫއާ ހއ އަތޮޅުގެ ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށްވެސް ލިބުނު ފަޅުކަމެއް” ޝިފާއު ވިދާޅުވިއެވެ.
އިހަވަން ކަޕްގެ ދެވަނަ ރައުންޑްގައި މާރަންދޫ ޔޫތް ސޮސައިޓީކުޅުނު ހުރިހާ މެޗެއްގައިވެސް ބަގީ އާނމުކޮށް ކުޅޭ ސިގްނޭޗާ 11 ނަންބަރު ޖާޒީ ފެނިގެން ދިޔައެވެ. އެޓީމްގެ ޓީމް ފޮޓޯ ތަކުންވެސް އަޖާޒީގެ ޒަރިއްޔާއިން ބަގީއަށް ހާއްސަ މަޤާމެއް ހާއްސަކުރިތަން ފެނިގެން ދިޔައެވެ. މާރަނދޫ ޔޫތް ސޮސައިޓީ ޓީމުންވަނީ އެޓީމްގެ 11 ނަންބަރު ޖާޒީ ބަގީއަށް ހާއްސަކޮށް އެޖާޒީ ރިޓަޔަރ ކޮށްފައެވެ.
މާރަންދޫ ޔޫތް ސޮސައިޓީގެ ކެޕްޓަން މުހައްމަދު ސާޖިދު (ރޮސީ) މައުލޫމާތު ދިންގޮތުގައި ބަގީ އަކީ އެޓީމްގެ ނަގާކިޔާ ލީޑަރުންގެ ތެރޭގައި ހިމެނުނު އެއް ތަނބެވެ. ރޮސީ ފާހަގަރި ގޮތުގައި ބަގީ އަކީ އެޓީމުން ހޯދި ކާމިޔާބީތަކުގެ ބޮޑު ހިއްސާދާރެކެވެ. އެގޮތުން އެޓީމުން ފުރަތަމަ ފަހަރަށް މައިކަޕް 2012 ގައި ޗެމްޕިއަންކަން ހޯދިއިރު ބާގީއަކީ މުހިއްމު ކުޅުންތެރިއަކަށް ވާއިރު 2018 ގައި އެޓީމުން ދެވަނަ ފަހަރަށް މައިކަޕް ކާމިޔާބު ކުރިއިރު ބަގީއަކީ އެޓީމްގެ ކެޕްޓަނެވެ.