ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މޫދު ކަސްރަތުގެ ހަރަކާތްތަކެއް

އިބްރާހިމް ނަޝީދު

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅުވައިގެން އިހަވަންދޫ ސިއްހީމަރުކަޒުން، އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން  ކުރިއަށްގެންދާ މޫދު ކަސްރަތު ހަރަކާތްތައް މިއަދު ފަށައިފިއެވެ.

މޫދު ކަސްރަތު ޕުރޮގުރާމް ފެށުމަށް މިއަދު ހަވީރު 4:00 ގައި އިހަވަންދޫ އިރުމަތީ ފަރާތު އަތިރި މަތީގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް، އަލްފާޟިލާ ޝަހުމާ މޫސާ ވަނީ މިޕުރޮގުރާމް ހިންގުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ޕުރޮގުރާމެއް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވޭނީ ހަރަކާތުގައި ބައިވެރިވާ ބައިވެރިންގެ އެއްބާރުލުމާއިއެކު ކަން ފާހަގަ ކުރައްވާ، ބައިވެރިންގެ ފަރާތުން ފެނިގެންދާ ޝައުގުވެރިކަން ފާހަގަ ކުރައްވާ. މިހަރަކާތުގެ ބައިވެރިންނަށް ޝުކުރު ދެންނެވިއެވެ. މޫދު ކަސްރަތު ޕުރޮގުރާމެއް 1 މަސްދުވަހަށް ހިންގުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް މިފަހަރު މިފަށާ ކަސްރަތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށް ކަން ފާހަގަ ކުރައްވާ ޝަހުމާ ވިދާޅުވީ މިއަހަރު ތެރޭގައި އެމް.އެން.ޑީ.އެފް އާއި ގުޅިގެން މޫދު ކަސްރަތު ހަރަކާތްތަކެއް އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދު ފެށި ކަސްރަތު ހަރަކާތްތަކުގައި ޖުމުލަ 47 ބައިވެރިން ބައިވެރި ވެފައިވާ ކަމަށް އިހަވަންދޫ ސިއްހީމަރުކަޒުން މައުލޫމާތު ދެއްވައެވެ.

މާދަމާ (7 އެޕްރީލް ގައި) ފާހަގަ ކުރާ މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ ” ދުޅަހެޔޮކަން އެންމެންނަށް”

“ޞިއްޙަތުގެ ކައުނީހިޔާ ކޮންމެ މީހަކަށް ކޮންމެތާކުން” މިއެވެ.