ތިލައުތުރު ފުޓްސަލް މުބާރާތް 2025 ހޯސްޓްކޮށްދޭނެ ރަށެއް ހޯދަނީ!

ލުޤުމާން އަޙްމަދު

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް ހޯސްޓް ކުރާނެ ރަށްތައް ހޯދުމަށް އިޢުލާން ކޮށްފިއެވެ. ތިލައުތުރު ފުޓްސަލް މުބާރާތަކީ ހއ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، 9 މާރިޗް 2025 ގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވެ، 18 މާރިޗް ގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 17 އޭޕްރިލް ވަނަ ދުވަހުގެ 12:00 ގައި ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ.

މިއީ “ތިލައުތުރު ފުޓްސަލް މުބާރާތް” ބާއްވާ 4 ވަނަ އަހަރެވެ. ތިލައުތުރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މުބާރާތް ހއ އުތީމުގައި ބޭއްވިއިރު އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ. ދެވަނަ މުބާރާތް ހއ މާރަންދޫގައި ބޭއްވިއިރު އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރެވެ. މިދިޔަ އަހަރު މިމުބާރާތް ބޭއްވީ ހއ. ކެލާގައެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫއެވެ.