އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ – ރައީސް

މުޙައްމަދު އަކުރަމް

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކުރީ އެކަމަށް އެކަށީގެންވާ ކޮންޓްރެކްޓަރަކާ ކަމަށް  ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަސައްކަތް ހަވާލުކޮށްފައިވަނީ އެކަމަށް އެކަށީގެންވާ ބަޔަކަށް ކަމަށާ، އެބޭފުޅާ ޔަޤީންކުރައްވާ ގޮތުގައި އެމަސައްކަތް ފަށާގޮތަށް ނިންމާލާނެކަމަށެވެ. ރައީސްގެ ވާހަކާގައި އިހަވަންދޫއަށް ހޮސްޕިޓަލެއް މުހިއްމުވާ ސަބަބުވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އިހަވަންދޫއަކީ އާބާދީ ބޮޑުރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިހަވަންދޫގެ އާބާދީގެ ބޮޑުބައެއް ރަށުގައި ދިރިއުޅޭކަމުގައެވެ.

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. 123.3 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރި މިމަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފައިނޭންސަރ އަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. 30 އެނދުގެ މިހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ ފުޅާ ދާއިރާއެއްގައި އިންފްރާސްޓަރަކްޗަރ ޕްރޮޖެކްޓްތައް ހިންގަމުންދާ ކުންފުންޏެކެވެ.