ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ

މުޙައްމަދު އަކުރަމް

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި އިހަވަންދޫ ޓީމް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ރޭކުޅުނު މެޗުން އިހަވަންދޫ ބަލިވީ އުތީމާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފްފެށިގެން އިހަވަންދޫ ޓީމުން ރަނގަޅު ހަމަލާތަކެއް އުފެއްދިނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އުތީމް ޓީމުން ގޯލްޖެހުމެވެ.

މިމުބާރާތުގެ ހއ އަތޮޅުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރުވެސް ހޯދީ އިހަވަންދޫޓީމެވެ. ވުމާއިއެކު މިއަހަރު އެޓީމް ނުކުމެފައިވަނީ ތަށި މިލްކު ކުރުމަށެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިމަހުގެ 10 ވަނަ ދުވަހުގެރޭ 21:00 ގައި އިހަވަންދޫ ޓީމް ނުކުންނާނީ ހޯރަފުއްޓާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީދީފައެވެ. މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފައުޅުކުރުން

ކޮންމެވެސް ވަރަކަށް ވާނުވާ ބަލާލުން ރަނގަޅު ޙަބަރު ލިޔުމުގެ ކުރިން