އިހަވަންދޫ ކައުންސިލަށް 66 ވަނަ

މުޙައްމަދު އަކުރަމް

2016 ވަނައަހަރު ކައުންސިލްތައް ހިންގި ގޮތަށްބަލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ނެރުނު ޕާފޯރމެންސް އިންޑެކްސްގައި ރާއްޖެއިން 66 ވަނައަށް އެންމެ ރަނގަޅު ކައުންސިލަށް އިހަވަންދޫ ކައުންސިލް ހޮވާފިއެވެ.

ކައުންސިލްތަކުގެ ޕާފޯރމެންސް އިންޑެކްސްއަށް ބަލާއިރު ހއ އަތޮޅުން އެންމެ ކުރީގައި އުޅެނީ މާރަންދޫ ކައުންސިލެވެ. 2015 ވަނައަހަރުގެ ޕާފޯރމެންސް އިންޑެކްސްއަށް ބަލާއިރުވެސް ހއ އަތޮޅުން އެއްވަނަ ހޯދާފައިވަނީ މާރަންދޫ ކައުންސިލުންކަން ފާހަގަ ކޮށްލެވެއެވެ. ހއ އަތޮޅަށްބަލާއިރު އިހަވަންދޫ ކައުންސިލަށް ލިބެނީ 8 ވަނައެވެ. މިއީ 2015 ވަނައަހަރުގެ ޕާފޯމެންސަށް ބަލާއިރު ކުރިއެރުމެކެވެ. އެފަހަރު އިހަވަންދޫ ކައުންސިލަށް ލިބުނީ 12 ވަނައެވެ.

އަތޮޅު ކައުންސިލްތައް ގިންތި ކޮށްފައިވާ ގޮތަށް ބަލާއިރު ހއ އަތޮޅުކައުންސިލް އޮތީ 9 ވަނާގައެވެ. މިއީ 2015 ވަނައަހަރުގެ ޕާފޯމެންސަށް ބަލާއިރު ދައްވުމެކެވެ. އެފަހަރު އެކައުންސިލަށްވަނީ ލިބުނީ 6 ވަނައެވެ.

ކަންގަތި އެވޯޑަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް އެންމެ ފުރިހަމަ ޕާފޯމަންސެއް ދައްކާ ކައުންސިލްތަކުގެ އަގުވަޒަންކުރުމަށް އެލްޖީއޭގެ ބޯޑުން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެވޯޑެކެވެ. ޕާފޯމެންސް އިންޑެކްސްގެ ނަތީޖާއަށް ބަލާއިރު ރަށު ކައުންސިލްތަކުން އެއްވަނަ ހޯދާފައިވަނީ ކ ހުރާ ކައުންސިލެވެ. އަދި ދެވަނަ ހޯދާފައިވަނީ ށ ފޯކައިދޫ ކައުންސިލެވެ. އަދި ތިންވަނަ ހޯދާފައިވަނީ އއ އުކުޅަހު ކައުންސިލެވެ. އަތޮޅު ކައުންސިލްތަކަށް ބަލާއިރު އެއްވަނަ ފުވައްމުލަކު އަތޮޅު ކައުންސިލުން ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ ކޮޅުމަޑުލު އަތޮޅު ކައުންސިލުންނެވެ. އަދި ތިންވަނަ ހޯދާފައިވަނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުންނެވެ.

2016 ވަނައަހަރު ކައުންސިލްތަކުގައި މަސައްކަތްކުރައްވާފައިވަނީ ކައުންސިލްތަކުގެ 2 ވަނަ ދައުރުގެ ކައުންސިލަރުންނެވެ. ތިންވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރައްވާފައިވަނީ 3 ޖޫން 2017 ގައެވެ.