13 ވަނަދުވަހު ފުލުހަށް ހާޒިރުވުމަށް އަންގައި މުހައްމާ ދޫކޮށްލައިފި

މުޙައްމަދު އަކުރަމް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)، އިއްޔަގެ ވަގުތެއްގައި ހައްޔަރުކުރުމަށްފަހު މާދަމާ (13 މާރިޗް 2018) ހެނދުނު 10:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ހަވާލުކުރުމަށްފަހު ދޫކޮށްލައިފިއެވެ. މުހައްމާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާއިރު އޭނާގެ ފޯނު ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

މުހައްމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ހަވާލުކުރި ޗިޓްގައި ބުނެފައިވާ ގޮތުން، އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަށް ދައުލަތުގެ އެކި އިދާރާތައް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމަށް މުހައްމާގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް މަޖުލީހަށްވެއްދި މައްސަލާގައި ސޮއެކުރުމަށްފަހު، ޕީޕީއެމްއިން ވަކިވެ، މުހައްމާދަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރާކާތްތަކުގައި އިސްކޮށް ހަރަކާތްތެރި ވަމުންނެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުން މުހައްމާ ހައްޔަރުކޮށްފައެވެ.