ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއާށް ސްކޫލު ޒީނަތްތެރިކުރުމަށް އެހީތެރިވުމުގެ ގޮތުން، ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލާދީފިއެވެ.

ކްލަބް ޕޯލްސްޓަރގެ މިދައުރުގެ ރައީސް މުހައްމަދު ސުޖާއު މައުލޫމާތު ދެއްވި ގޮތުގައި، މިހަރަކާތަކީ އިހަވަންދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއާށް ސްކޫލު ޒީނަތްތެރިކުރުމަށް އެހީތެރިވުމުގެ ގޮތުން، އެކުލަބުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. ކުލަ ލުމުގައި އެކްލަބްގެ ފިރިހެން އަދި އަންހެން މެމްބަރުން ވަރަށް ޖޯޝާއިއެކު ބައިވެރިވެފަ ވާއިރު ކުލަލުމަށް ބޭނުންކުރި ސާމުން ހޯދާފައިވަނީވެސް އެކްލަބުންނެވެ.

އިހަވަންދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ (25 މެއި 2023) ރޭ 20:00 ގައި، އަލަށް އިމާރާތްކުރި މަލްޓި ޕާޕޯސް ހޯލްގައެވެ. އަދި ބޭނުންކުރަން ނުފަށާ އެހޯލްގައި، އެޖަލްސާ ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާއިރު، މިއީ އެހޯލްގައި ބޭއްވޭ ފުރަތަމަ އިވެންޓަށް ވެގެން ދާނެއެވެ.

ކަލަބް ޕޯލްސްޓަރ އިން އަންނަނީ އިހަވަންދޫ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ދެމުންނެވެ. އެގޮތުން މިމަހުގެ 22 ވަނަ ދުވަހުވަނީ އެ ކުލަބުން އިހަވަންދޫ ސްކޫލްގައި ގާއިމްކުރި އައުޓްޑޯ ޑިޖިޓަލް ނޯޓިސް ބޯޑް ސްކޫލާއި ހަވާލުކޮށްފައެވެ. އެޕްރޮޖެކްޓަކީ މޯލްޑިވްސް ކޮމިއުނިޓީ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ކްލަބް ޕޯލްސްޓަރއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ.