މިފަހަރު ނުކުންނަނީ ތަށިހޯދަން : އެފްސީ ބޮޑުމަގު

މުޙައްމަދު އަކުރަމް

ބޮޑުތިލަދުންމަތީ ފުޓްސަލް   ޗެލެންޖްގައި ވާދަކުރާ އެފްސީ ބޮޑުމަގު ޓީމުން މިފަހަރު ނުކުންނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށް އެޓީމްގެ އެއްފައުންޑަރ، އަލީ ޖުވޭދު ބުނެފިއެވެ.

ޖުވޭދު މައުލޫމާތު ދިންގޮތުގައި، އެޓީމުން މިހާރުވަނީ 14 ކުޅުންތެރިންގެ ސްކޮޑެއްނަގައި ޕްރކްޓިސް ފެށުމަށް ތައްޔާރުވެފައެވެ. “ޒުވާން ކުޅުންތެރިންނާ އިތުބާރުކުރެވޭ ތަޖްރިބާހުރި ކުޅުންތެރިން ޓީމަށް ނަގާފައިވާނީ، ރަށުން ބޭރުން މިގެންނަނީވެސް މޮޅެތި ކުޅުންތެރިން” ޖުވޭދު ތަފްސީލް ކޮށްދިނެވެ. އެފްސީ ބޮޑުމަގު ޓީމުން އެޓީމްގައި ހިމެނޭކަމަށް މިހާތަނަށް އިޢުލާންކޮށްފައިވާ ކުޅުންތެރިންނަކީ، އަސަދުއްﷲ، ސިމާހް، ނައުޝާދު، ބައްސާމް، އަހްމީމް، މުނީޒް، ޝަހުދު، ސާޖިދު، ނަޝީދު އިސްހާޤް، މައުމޫރް، ހުސައިން ޝަރީފް އަދި ޝާމިލްއެވެ. މީގެ އިތުރުންވެސް ސަޕްރައިސިންގް ކުޅުންތެރިންތަކެއް އެޓީމުން ފެންނާނެކަމަށް ޖުވޭދު މައުލޫމާތުދިނެވެ.

2012 ވަނަ އަހަރުންގެ ޑިސެންބަރުމަހު އުފެއްދި އެފްސީ ބޮޑުމަގު ޓީމަކީ އިޖްތިމާއި އަދި ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރި ޓީމެކެވެ. އިހަވަންދޫގައި ކުރިޔަށް ގެންދާ އެކިއެކި މުބާރާތްތަކުގައި އެފްސީ ބޮޑުމަގުގެ އަންހެން އަދި ފިރިހެންޓީމް ބައިވެރިވަމުންދެއެވެ. އެކިއެކި މުބާރާތްތަކުގެ ތަށި އުފުއްލާލެވުނަސް، މިހާތަނަށް އެޓީމަށް ފުޓްބޯޅަ މުބާރާޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޖުވޭދު ބުނީ އެޓީމުން މިފަހަރު އެކަން ބަދަލުކުރަން ނުކުމެ ތިބިކަމުގައެވެ. “ސަޕޯޓަރުންވެސް ވަރަށް ރޫހުގައިތިބީ، އެކަން އެނގިގެންދިޔަ މިފަހަރު ޖަޒީގެ ޕްރި އޯޑަރަށް ހުޅުވައިލުމުން ލިބިގެންދިޔަ ބޮޑު ތަރުހީބުން އެކަނިވެސް” ޖުވޭދު ބުންޏެވެ.

މިމަހު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބޮޑުތިލަދުންމަތި ފުޓްސަލް   ޗެލެންޖްގައި ޖުމްލަ 11 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ސެންސިޓީ، އެފްސީ ބޮޑުމަގު، ކްލަބް އިރަމާ، ކުޅިމަގު، ޖޭއޭ މަނަފަރު އެފްސީ، މާރަންދޫ ޔޫތް ސޮސައިޓީ، ތުރާކުނު ރެކްރިއޭޝަން ކްލަބް، ޓީމް ހަނިމާދޫ އަދި ޓީމް ނާވާދޫއެވެ. މިއީ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ފުރަތަމަ މުބާރާތެވެ.