ޓީމް ނައިވާދޫ އަދި އެންވީކޭ ފެށުން ރަނގަޅުކޮށްފި

މުޙައްމަދު އަކުރަމް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުން ޓީމް ނައިވާދޫ އަދި ދެވަނަ މެޗުން އެންވީކޭ މޮޅުވެއްޖެއެވެ. މިމުބާރާތުގެ ފުރަތަމަ މެޗް ޓީމް ނައިވާދޫ ކާމިޔާބުކުރީ ބޮޑުމަގާ ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ. އަދި މިމުބާރާތުގެ ދެވަނަ މެޗް އެންވިކޭއިން ކާމިޔާބުކުރީ ކްލަބް އިރަމާއާ ވާދަކޮށް 5-1 ގެ ނަތީޖާއަކުންނެވެ.

ޓީމް ނައިވާދޫ އަދި ބޮޑުމަގު ބައްދަކުރި މެޗްގައި ނައިވާދޫގެ މުހައްމަދު އަސްލަމްވަނީ 3 ގޯލްޖަހާ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން އެޓީމްގެ އަލީ ހުސާމް ދެ ގޯލް ޖަހާފައިވާއިރު، މުހައްމަދު ރިޝާންވެސް ގޯލެއް ޖެހިއެވެ. ބޮޑުމަގު ޓީމްގެ ހަމައެކަނި ގޯލް ޖެހީ އެޓީމްގެ އިބްރާހިމް ސިމާހްއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ނާވައިދޫގެ މުހައްމަދު އަސްލަމްއެވެ.


އެންވީކޭ އަދި ކްލަބް އިރަމާ ބައްދަލުކުރިމެޗްގައިވެސް ހެޓްރިކެއް ފެނިގެން ދިޔައެވެ. އެމެޗްގައި 3 ގޯލްޖަހާ ހެޓްރިކްހެދީ އެންވީކޭގެ މުހައްމަދު މަދީހްއެވެ. މަދީހުގެ އިތުރުން އެޓީމްގެ ޒަޔާން ގޯލެއްޖެހިއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ހާމިދުވެސް ގޯލެއްޖެހިއެވެ. މިމެޗްގައި ކްލަބް އިރަމާގެ ހަމައެކަނި ގޯލް ޖެހީ އެޓީމްގެ މޫސާ ވަހީދުއެވެ.

މާދަމާ މިމުބާރާތުގެ 3 މެޗެއްކުޅޭނެއެވެ. މާދަމާ 14:45 ގައި ފުރަތަމަ މެޗްގައި ޓީމް ހަނިމާދޫ ނުކުންނާނީ ޖޭއޭ މަނަފަރާ ދެކޮޅަށެވެ. އެއަށްފަހު ކުޅިމަގު އަދި މާރަންދޫ ޔޫތް ސޮސައިޓީ ބައްދަކުރާ މެޗް ކުޅެން ހަމަޖެހިފައިވާއިރު، މާދަމާގެ ފަހު މެޗްގައި ޓީމް ނައިވާދޫ ނުކުންނާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ.