ފަހަތުންއަރާ، ކުޅިމަގުން މާރަންދޫ ޔޫތް ސޮސައިޓީ ބަލިކޮށްފި

މުޙައްމަދު އަކުރަމް

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ހަތަރުވަނަ މެޗްގައި ފަހަތުންއަރާ، ކުޅިމަގުން މާރަންދޫ ޔޫތް ސޮސައިޓީ ބަލިކޮށްފިއެވެ. މިމެޗް ކުޅިމަގުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗްގެ ފުރަތަމަ ހާފްގެ 12 ވަނަ މިނެޓްގައި މާރަދޫ ޔޫތް ސޮސައިޓީ ޓީމްގެ އާދަމް ހަބީބް ގޯލެއް ޖަހައި ކުރިހޯދާފައިވަނިކޮށް މެޗްގެ ފަހުހާފުގެ ފުރަތަމަ މިނެޓްގައި ނަތީޖާ ހަމަހަމަކުރި ގޯލް ކުޅިމަގު ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ސާލިމް މުހައްމަދުއެވެ. މިމެޗުން ކުޅިމަގު މޮޅުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން މެޗްގެ ފަހުހާފުގެ 16 ވަނަ މިނެޓްގައި މުހައްމަދު ޝަމްވީލްޖެހި ގޯލުންނެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ މިމެޗްގައި ގިނަ ސޭވްތަކެއްކުރި ކުޅިމަގު ޓީމްގެ ގޯލްކީޕަރު މުހައްމަދު ޝިފާއުއެވެ.

މިމަހުގެ 23 ވަނަ ދުވަހު ކުޅިމަގުން ދެންނުކުންނާނީ ޖޭއޭމަނަފަރު އެފްސީއާ ދެކޮޅަށެވެ. އެއަށްފަހު މިމަހުގެ 24 ގައި ޓީމް ހަނިމާދޫއާ ދެކޮޅަށް ނުކުންނައިރު އެޓީމުން ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ. މާރަންދޫ ޔޫތް ސޮސައިޓީން މިމަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ. އެއަށްފަހު މިމަހުގެ 26 ވަނަ ދުވަހު ޓީމް ހަނިމާދޫއާ ދެކޮޅަށް ކުޅެންޖެހޭއިރު އެޓީމުން ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި މިމަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ޖޭއޭމަނަފަރު އެފްސީއާ ދެކޮޅަށެވެ.

މިދެޓީމް ހިމެނޭ ގްރޫޕް ބީ ގައި ސެންސިޓީ ފިޔަވާ ހުރިހާޓީމަކުން އެއް މެޗް ކުޅެފައިވާއިރު ތިންޕޮއިންޓާއިއެކު ފައިދާ ގޯލްގެ ތަފާތުން ތަވަލްގެ އެއްވަނާގައިއޮތީ ޓީމް ހަނިމާދޫއެވެ. 3 ޕޮއިންޓާއިއެކު ކުޅިމަގި ދެވަނާގައި އޮތްއިރު ޖޭއޭމަނަފަރު އަދި މާރަންދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.