ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ މިއަދުގެ މެޗްތަކުން މޮޅުވެގެން ޓީމް ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ޓޭބަލްގެ އެންމެ ކުރިޔަށް ޖުހިލައިފިއެވެ. ޓީމް ހަނިމާދޫ މިއަދުކުޅުނު މެޗްގައި ސެންސިޓީ 5-1 އިން ބަލިކޮށް 6 ޕޮއިންޓާއި ފައިދާ 8 ގޯލާއިއެކު ގްރޫޕް ބީ ގެ ތާވަލްގެ އެއްވަނާގައި ހަމަޖެހިލާފައިވާއިރު، އެންވީކޭ މިއަދުކުޅުނު މެޗްގައި، ފަހަތުންއަރާ ބޮޑުމަގު 2-1 ގެ ނަތީޖާއަކުން ބަލިކޮށް 6 ޕޮއިންޓާއި ފައިދާ 5 ގޯލާއިއެކު ގްރޫޕް އޭ ގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަޔަށްވަނީ ޖެހިލާފައެވެ.

މިއަދުގެ މެޗްގައި ޓީމްހަނިމާދޫއަށް ގޯލްތައް ޖަހައިދިނީ އަބޫބަކުރު ސިދުގީ، މުހައްމަދު ނާފިޒް އަދި އަލީ އާމިރުއެވެ. ސިދުގީ އަދި ނާފިޒް ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހިއިރު، މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނު އަލީ އާމިރުވަނީ 3 ގޯލް ޖަހައި ހެޓްރިކް ހަދާފައެވެ. ސެންސިޓީގެ ހަމައެކަނި ގޯލް ޖަހައިދިނީ ޓީމްގެ ކެޕްޓަން ހަސަން ސަމީރުއެވެ.

ފަހަތުން އަރައި އެންވީކޭއިން މިއަދު ބޮޑުމަގު ބަލިކުރިއިރު އެޓީމްގެ އަލީ ޝިފާޒް އަދި މަދީހްވަނީ ގޯލްޖަހައިފައެވެ. ބޮޑުމަގުގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ، މެދުރޮނގާހަމައިން ފޮނުވާލި ބާރު ހަމަލާއަކުން އެޓީމްގެ މުހައްމަދު ސާނިއުއެވެ.

މާދަމާ މިމުބާރާތުގެ ތިން މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީމް ނައިވާދޫ އަދި އެންވީކޭއެވެ. އެއަށްފަހު ޖޭއޭ މަނަފަރު ކުޅިމަގާ ދެކޮޅަށް ނުކުންނައިރު ފަހުމެޗްގައި ޔުނައިޓެޑް ޔޫތް ނުކުންނާނީ ކްލަބް އިރަމާޔާ ދެކޮޅަށެވެ.