ސެމީފައިނަލްގެ ޖާގަ ކަށަވަރުވި ފުރަތަމަ ދެޓީމަކަށް ހަނިމާދޫ އަދި ކުޅިމަގު

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީފައިނަލުން ޖާގަ ކަށަވަރުވި ފުރަތަމަ ދެ ޓީމަށް، ޓީމް ހަނިމާދޫ އަދި ކުޅިމަގު ވެއެޖެއެވެ. ގްރޫޕް ބީ ގައި ހިމެނޭމި ދެ ޓީމަށް ސެމީފައިލްގެ ޖާގަ ކަށަވަރުވީ މިއަދު ހަވީރު، ޓީމް ހަނިމާދޫ އަދި މާރަންދޫ ޔޫތް ސޮސައިޓީ ބައްދަލުކުރި މެޗް 4-0 ގެ ނަތީޖާއަކުން ޓީމް ހަނިމާދޫ ކާމިޔާބު ކުރުމުންނެވެ.

ހަނިމާދޫ، ގްރޫޕް ސްޓޭޖްގައި ހިމެނޭ ހުރިހާ މެޗެއް ކުޅެނިމިފައިވާއިރު މިވަގުތު އެޓީމް އޮތީ 10 ޕޮއިންޓާއި ފައިދާ 12 ގޯލާއިއެކު ގްރޫޕްގެ އެއްވަނާގައެވެ. ގްރޫޕްގެ ދެވަނާގައި އޮތް ކުޅިމަގަށް 7 ޕޮއިންޓާއި ފައިދާ 5 ގޯލް ލިބިފައިވާއިރު، ގްރޫޕްގެ އެއްވަނައަށް އެރުމަށް މާދަމާ އެޓީމް ސެންސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ބޮޑު ތަފާތަކުން މޮޅުވާންޖެހޭނެއެވެ.

މިއަދު ސެންސިޓީއާ ޖޭއޭ މަނަފަރު ބައްދަލުކުރި މެޗް 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސެންސިޓީއެވެ. މާދަމާވެސް މިމުބާރާތުގެ ދެ މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ޓީމް ނައިވާދޫ ނުކުންނާނީ ކްލަބް އިރަމާއާ ދެކޮޅަށެވެ. ފުހުމެޗްގައި ކުޅިމަގު ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ.