އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

މަރިޔަމް

ހއ. އިހަވަންދޫގައި ހިންގާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނި ގޮތުގައި، ޖުމްލަ 116.94 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. އެމްޓީސީސީއިން ބުނި ގޮތުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ މިހާރުވަނީ ނިމިފަ އެވެ.

އަދި ބާކީ 45 އިންސައްތަ މަސައްކަތް ނިންމުމަށް ބޭނުންވާ ބޮޑުހިލަ މިހާރު އެ ރަށަށް ގެންދެވި އަންލޯޑްވެސް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.  މިމަސްރޫޢުގެ ދަށުން ،އިހަވަންދޫން ވަނީ 25 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެމްޓީސީސީން އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެކުންފުނިން ޗަރޓަރކުރި ޑްރެޖަރ ”ފިލިޕޯ ބްރުނެލޭޝީ“ އިންނެވެ.