އެމްޓީސީސީގެ ޖަވާބެއް ނުލިބުނުކަމަށްބުނެ ކައުންސިލުން ވެލި ދޫކުރަން ފަށަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ވެލި އެޅުމުގައި އެހީތެރިވެދޭނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް، ވިދާޅުވެފައި ވާނަމަވެސް، ވެލި އަޅައިދިނުމުގެ މަސައްކަތް ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށް އިހަވަންދޫ ކައުންސިލުން އެމްޓީސީސީއަށް ފޮނުވި ސިޓީތަކަށް ޖަވާބެއް ލިބިފައިނުވާކަމަށް ބުނެ، ކައުންސިލުން ކުރިން ވެލި ދޫކުރަން ނިންމި ގޮތަށް ވެލިދޫކުރަން ފަށާނެކަމަށް އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން މިކަމާ ގުޅިގެން ކޮށްފައިވާ ޢިއުލާނުގައިވަނީ، އެމަސައްކަތް އަވަސްކޮށްދިނުމާއި އަދި ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށް 12 ޖުލައި އަދި 15 އޯގަސްޓްގައި ފޮނުވި ސިޓީތަކަށް އެމްޓީސީސީން އެއްވެސް ޖަވާބެއް ދީފައިނުވާކަމުގައެވެ. އެހެންކަމުން ވެލި ބޭނުންވެގެން ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް، ކުރިން ވެލި ދޫކުރުމަށް ހަމަޖެހިފައިވާގޮތަށް 21 ސެޕްޓެމްބަރ 2023 ވަނަދުވަހުން ފެށިގެން ވެލި ދޫކުރަން ފަށާނެކަމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވެއެވެ. އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ދޫކުރުމަށް ހަމަޖެހި އިހަވަންދޫ ބަނދަރުގެ މެއިންޓެނަންސް ޑްރެޖްކުރުމަށް ނަގާފައިވާ ވެއްޔެވެ.