އޭސީއެއްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެ

.

އޭސީއެއް މަރާމާތުކުރަން އުޅުމުގެ ތެރޭގައި، އައުޓްޑޯރ ޔުނިޓްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ. މިހާދިސާ ހިނގީ އިއްޔަ ހަވީރު 3:45 ހާއިރު، ހއ އިހަވަންދޫ ވިލެޓްވިލާ 2، ގޭގައި ހަރުކޮށްފައިހުރި އޭސީއެއް މަރާމާތުކުރަން އުޅުމުގެ ތެރޭގައެވެ.

އަނިޔާ ލިބުނު މީހާއަށް، އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒުން ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައިވަނީ ދޫކޮށްލާފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާގެ ހަށިގަނޑުގެ ބައެއް ތަންތަން ކޮންމެވެސްވަރަކަށް ޒަހަމްވެ ފިހިފައިވާއިރު، އިސްތަށިގަނޑުވެސްވަނީ ކޮންމެވެސްވަރަކަށް އަނދާފައެވެ.

އިއްޔައަކީ އިހަވަންދޫގައި ގިނަ ހާދިސާތަކެއް ހިނގި ދުވަހެކެވެ. އެގޮތުން އިއްޔަހެނދުނު އަތިރީގައި ކުޅެން އުޅުނު މީހެއްގެ އަތް ބިނދިފައިވާއިރު، ހަވީރުވަނީ އޭސީއެއް މަރާމާތުކުރަން އުޅުމުގެ ތެރޭގައި، އައުޓްޑޯރ ޔުނިޓްގެ ކޮމްޕްރެސަރ ގޮވައި މީހަކަށް އަނިޔާވެފައެވެ. އަދި ރޭއިރާކޮޅު ލޯންޗަކާ ދޯންޏެއްޖެހި ހިނގި އެކްސިޑެންޓްގައި، މިރަށު ނަޔާޑޭޒީ އަބްދުއްރަޝީދު މުހައްމަދު (68އ) ވަނީ ނިޔާވެފައެވެ.