ތިލައުތުރު ފުޓްސަލް ޗެލެންޖްގެ ނަމުގައި ހއ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް އުތީމް، މުރައިދޫ، ވަށަފަރު އަދި ފިއްލަދޫ ދަތުރު ކޮށްފިއެވެ.
ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމްގެ އިތުރުން ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެވެ. ގްރޫޕް 3 ގެ ޓީމްތަކަށް އެއްމެޗް މަދުވުމުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ 2 ވަނަ ޓީމަށް ވުމުގެ ފުރުސަތު ކުޑަވާތީ ގްރޫޕް 3 ގެ 2 ވަނަ އަދި 3 ވަނައަށްދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅުނެވެ. ނަމަވެސް ގްރޫޕް 3 ގެ އެއްވަނަ ޓީމް ހޮވުމަށް އެމެޗްގެ ނަތީޖާއަށް ނުބަލައެވެ.
އުތީމް މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާ ފައިދާ 8 ގޯލާއިއެކު ގްރޫޕް އެކެއްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ގްރޫޕް 2 ގެ އެއްވަނަ ޓީމްގެ ގޮތުގައި ވަށަފަރު ސެމީ ފައިނަލަށް ދަތުރުކުރީ 7 ޕޮއިންޓާއި ފައިދާ 2 ގޯލާއި އެކުއެވެ. ގްރޫޕް 3 ގެ އެއްވަނަ ޓީމްގެ ގޮތުގައި މުރައިދޫ ސެމީފައިނަލަށް ދަތުރުކުރީ 6 ޕޮއިންޓާއި ފައިދާ 2 ގޯލާއި އެކުއެވެ. ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިގެން ސެމީ ފައިނަލަށް ދަތުރުކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ފިއްލަދޫއެވެ. އެޓީމް ސެމީ ފައިނަލަށް ދަތުރުކުރީ 6 ޕޮއިންޓާއި ފައިދާ 7 ގޯލާއިއެކުއެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅޭނީ މިމަހުގެ 8 ވާ ބުދަ ދުވަހުއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އުތީމާއި މުރައިދޫ ބައްދަލުކުރާއިރު ސެމީ ފައިނަލްގެ ފަހު މެޗްގައި ބައްދަލުކުރާނީ ވަށަފަރު އަދި ފިއްލަދޫއެވެ. ހއ މާރަންދޫގައި ކުރިޔަށްގެންދާ މިމުބާރާތުގެ ފައިންލް މެޗް އޮންނާނީ ނޮވެމްބަރ މަހުގެ 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.