އުތުރުގައި ހަދާނެކަމަށްބުނާ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް ކުރިއަށް ގެންދިއުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފުތާ14ގެ ހިމެނޭ ބައެއް މަސައްކަތުގެތެރެއިން، ލ. ގާދޫ ކައިރީ ތަރައްގީ ކުރާ ކޮމާޝަލް ޕޯޓާއި، ލޮޖިސްޓިކްސް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދި މާލޭ ކޮމާޝަލްޕޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އެ މަޝްރޫއުތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން “އައިހެވަން”ގެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ވެސް އެ ޕްރިޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީހުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެއެވެ.
މިއަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯއިން ޤަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެމަސައްކަތުގެ އަމަލީ މަސައްކަތެއް އަދިވެސް ނުފަށައެވެ. 2018 ވަނައަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު، އައިހެވަން މަޝްރޫއުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި، މާސްޓަރ ޕްލޭން ނިންމާފައި ކަމަށް އޭރުގެ ރައީސުލްޖުމުހުރިއްޔާ ޢަބުދުﷲ ޔާމިން އިޢުލާންކުރެއްވިއެވެ. ނަމަވެސް އަމަނިކުފާނުގެ ވެރިކަމުގައިވެސް އެމަޝްރޫގެ އަމަލީމަސައްކަތް ފަށާފައެއްނުވެއެވެ.