އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ކުރިމަތިން އަތިރިމަތީގައެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ  އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެމަސްރޫއަކީ މިއަދިޔަ އަހަރު ސޮއެކޮށްފައިވާ މަޝްރޫއެއްކަމަށާއި އާރުޑީސީއާ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 7 ކިލޯމީޓަރުގެ ދިގުމިނަށް 15 މަގެއް ހެދުމުގެ މަސައްކަތް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި އިހަވަންދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހި ހިމަނައި ދެންހުރި މަގުތައްވެސް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު މުއްޠަލިބް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރުގެ އިތުރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެކުންފުންޏާ އެމަސައްކަތް ހަވާލުކުރީ 2 އޭޕްރިލް 2023 ގައި 102،846،733.89 މިލިއަން ރުފިޔާގެ އަގަކަށެވެ. އެމަސައްކަތް ފެށުމުގެ ގޮތުން އެކުންފުނިންވަނީ އެކުންފުނީގެ އިހަވަންދޫ ސައިޓް ތައްޔާރުކޮށް ކާސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އޭގެއިތުރުން މަސައްކަތަށް ބޭނުންވާނެ ބައެއް ވެހިކަލާއި ތަކެތިވެސްވަނީ ގެނެސްފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި މި ވަނީ އޭގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންގެ މަސައްކަތްތައް ނިންމިމަށްފަހުއެވެ.