ކައުންސިލުން 5 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެންހެދި އެއްގަމު ލައިސަންސް ޓްރެކް ހުޅުވައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވައިފިއެވެ. އެއްގަމު ލައިސަންސް ޓްރެކް ހުޅުވާފައިވަނީ ރޭ ލައިސަންސް ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންގެ ރައީސް، އިހަވަންދޫގައި 490 އެއްހާ އެއްގަމު އުޅަނދު ދުއްވާކަން ފާހަގަކުރައްވައި، އެއްގަމު ލައިސަންސް ޓްރެކް ހެދުމުން ލިބިގެންދާނެ ފަސޭހަ ފާހަގަކުރެއްވިއެވެ. “ކައުންސިލްގެ ވިސްނުން ބައްޓަންކުރީ ހުސްއެކަނި އެހެން ރަށްރަށުގަ މިހުރިފަދަ އާދައިގެ ގޮތަކަށް ޓްރެކް ހެދުމެއްނޫން، އަޅުގަނޑުމެން ވިސްނުން ބައްޓަންކުރީ މިޓްރެކަކީ އިތުރު ޙިދުމަތްތައްވެސް އެހެންނޫނީ އިތުރަށްވެސް ހިއްފަސޭހަ ގޮތަކަށް މިތަނަށް އައިސް ކުޑަކުދިންނަށްވެސް، ފެމިލީއާއިއެކުވެސް އައިސް ހިއްގައިމު މާހައުލެއްގެ ގޮތުގައި ތިބެވޭނެ ގޮތަކަށް މިމާހައުލު ބައްޓަންކުރުން” ސޮބާހް ވިދާޅުވިއެވެ. ސޮބާހް ވިދާޅުވީ ލައިސަންސް ޓްރެކަށް އަންނާނީ ހުސްއެކަނި ލައިސަންސް ނަގަން އަންނަ މީހުން އެކަނި ނޫންކަމަށާއި، ހިންހަމަ ޖައްސާލަން އަންނަމީހުންވެސް އެތަނަށް އަންނާނެ ކަމުގައެވެ. އެހެންކަމުން ހިންހަމަ ޖައްސާލުމަށާއި އެހެނިހެން ކަންކަމަށްވެސް އެކިއެކި ވަގުތު ތަކުގައި އެތަން ހުސްކުރާނެކަމަށް ސޮބާހް ވިދާޅުވިއެވެ.

ރައީސް ސޮބާހް ވިދާޅުވީ ލައިސަންސް ޓްރެކް ހެދުމަށް ރައްޔިތުންގެ ބަޖެޓުން ފަސް ލައްކައެއްހާ ރުފިޔާ ހަރަދުކުރިކަމުގައެވެ. “އަޅުގަނޑުމެން ވިސްނިން ތަންކޮޅެއްބޮޑަށް ހަރަދު ކުޑަކޮށްވެސް ކުރެވޭތޯ، އެހެންނަމަވެސް މިތަނަކީ ދާއިމަށް ދިގު ދެމިގެންދާތަނެއް، އަދި އެހެން ބޭނުންތައްވެސް ކުރެވޭ ތަނެއްވީމަ އެގޮތަށް ބައްޓަން ކޮށްގެން ސީދާ ޑިޒައިނާ އެއްގޮތަށް މިވަނީ ނިންމާލެވިފަ” ސޮބާހް ތަފްސީލް ކޮށްދެއްވިއެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، އާމިނާދިޔޯ ސިއްޙޫމަރުކަޒުގެ ފެމިލީ ހެލްތް އޮފިސަރ އަބުދުލް ވާހިދު އަބުދުﷲ އެވެ. ވާހިދުއަކީ އިހަވަންދޫގައި ލައިސަންސް އެގްޒާމިނަރެއްގެގޮތުން ވަރަށްގިނަދުވަހު މަސައްކަތްކުރައްވާފައިވާ އަދި ކުރަމުން އަންނަ ބޭފުޅެކެވެ. ރޭގެ ރަސްމިއްޔާތުގައިވަނީ ލައިސަންސް ޓްރެކް ހެދުމުގައި އެހީތެރިވެފައިވާ ފަރާތްކުގެ އަގުވަޒަންކޮށްފައެވެ. އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި އޭއެސްޕީ ސްޓޫޑިއޯއަށްވަނީ ހަނދާނީ ފިލާ ދީފައެވެ.

ރޭގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ސަރަހައްދަށް ލޮރީއެއް ހުރަސްކޮށް އާނމުންގެ މީހަކު ހުރަސް އަޅާފައިވާތީ، ރޭގެ ގެ ރަސްމިއްޔާތު 20:15 ގައި ފެށުމަށް ހަމަޖެހިފައިވާނަމަވެސް ރަސްމިއްޔާތު ފެށިފައިވަނީ 20:40 ހާއިރުއެވެ.