ރައީސުލްޖުމްހޫރިއްޔާ މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ

މުޙައްމަދު އަކުރަމް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ހަވީރު އިހަވަންދޫއަށް ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވާނީ، ހަވީރު 16:00 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު އިހަވަންދޫ ރައްޔިތުންނާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މޮޅަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ރައީސް ބައްދަލުކުރައްވާނެއެވެ. އިހަވަންދޫ އަދި މޮޅަދޫ ކައުންސުލާއި ރައީސް ބައްދަލުކުރައްވާނީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

ރައީސް އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ސްކޫލްގައި، މާދަމާ ހަވީރު 16:40 ގައެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އިހަވަންދޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ ދަތުރުފުޅު ނިންމަވައި އިހަވަންދޫއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 18:00 ގައެވެ.