ހއ. އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރެވުމުގެ ކުރިންވެސް މިހާރު ހުރި އާމިނާދިޔޯ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ދެން ހަމަ އެއާއެކީގައި، ޞިއްޙީ ދާއިރާގެ ވާހަކައިގައި އަޅުގަނޑަށް ހަމަ ނުދެންނެވި ދިޔަ ކަމެއް. ޑައިލިސިސް ޚިދުމަތް ޤާއިމުކޮށްދޭން. މި ރަށުގެ ރައްޔިތުން ހަމަ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ. ވަރަށް ކޭސަސް ގިނަ. އަޅުގަނޑު ދެން މިއަދު ސަލާންކުރުމުގައި ދިމާވި ބޭފުޅުންކޮޅެއްވެސް ހަމަ އެ ވާހަކަ ފާހަގަކުރެއްވި.” ރައީސް ވިދާޅުވިއެވެ. “މިހާރު މިހިރަ ޞިއްޙީ މަރުކަޒުގައި، ލެވެލް 4ގެ ގޮތުގައި ހުރި، ކެޓަގަރީ 4ގެ މަރުކަޒެއް. އަދި ހޮސްޕިޓަލް ހެދެންދެންވެސް، ހޮސްޕިޓަލްގެ ފެސިލިޓީއަކާ ހަމައަށް އަޕްގްރޭޑް ވަންދެކަށް، ނޫނީ ހެދެންދެކަށްވެސް އަޅުގަނޑު ބަލާނަން މިނިސްޓްރީއާ ވާހަކަ ދައްކައިގެން، މިނިސްޓްރީ ތެރެއިން، ހޮސްޕިޓަލް ނިޒާމުގެ ތެރެއިން ޑައިލިސިސް ޚިދުމަތް ވަރަށް އަވަހަށް ފެށޭތޯ. އެކަމަށް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.” ރައީސް ތަފްސީލް ކޮށްދެއްވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތް ވަރުގަދަކުރަން މިހާރުން މިހާރަށް ކުރެވޭނެ ކަންކަންކުރަން މަސައްކަތް ކުރައްވާނެކަމުގައެވެ. ރައީސްގެ ވާހަކާގައި އެބޭފުޅާގެ ވަޢުދާއެއްގޮތަށް މިއަހަރު (ވެރިކަމުގެ ފުރަތަމަ އަހަރު) ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ އެޔަޤީންކަން ދެއްވިއެވެ.