ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް މިސްކިތެއްގެ ބަދަލުގައި އިސްލާމިކް ސެންޓަރެއްއަޅަނީ

މުޙައްމަދު އަކުރަމް

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ މިސްކިތުގެ ބަދަލުގައި، އިހަވަންދޫގެ ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް އިސްލާމީ މަރުކަޒެއް އަޅަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

އެމިނިސްޓްރީއިން އެގޮތަށް ނިންމިކަން އިހަވަންދޫ ކައުންސިލަށްވަނީ 24 ފެބްރުއަރީ ގައި އަންގާފައެވެ. އަދި އެމަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް 150 ފޫޓް 150 ފޫޓްގެ ބިމެއް (22,500 އަކަފޫޓް) ހަމަޖެއްސުމަށްވެސް އިސްލާމިކް މިނިސްޓްރީއިންވަނީ ކައުންސިލްގައި އެދިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިމަހުގެ 24 ވަނަ ދުވަހު އިހަވަންދޫއަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރެއްވުމުން، ކައުންސިލުންވަނީ އިހަވަންދޫގައި އިސްލާމިކް ސެންޓަރެއް ޤާއިމްކުރުމަށް ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އިހަވަންދޫގައި އިމާރާތްކުރާ މިސްކިތަށް ބަޖެޓްކޮށްފައިވަނީ 650،000ރ އެވެ. އަދި 2025 ވަނަ އަހަރު 1.95 މިލިއަން އަދި 2026 ވަނައަހަރު 1.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ.

އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.