ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވާލައިފި

މުޙައްމަދު އަކުރަމް

އަންނަ މަހު 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެފުރުސަތު އެކޮމިޝަނުން ހުޅުވާލާފައިވަނީ އިއްޔައިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމަށް ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. ކުރިން މި މަހު 17 ގައި ބާއްވާ ގޮތަށް ހަމަޖެއްސި މަޖިލިސް އިންތިހާބު އަންނަ މަހު 21 އަށް ފަސްކުރުމާ ގުޅިގެން ވޯޓުލުމުގެ ހައްގު އިތުރު 560 މީހަކަށް ވަނީ ލިބިފަ އެވެ. އެހެންކަމުން އެ މީހުންނާއި އިތުރު މީހުންނަށް ވެސް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ދޭން އީސީން ނިންމީއެވެ.

ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަނީ އާރިފް އަދި ނަސީރުއެވެ. މިއީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބާއްވާ ބަރުލަމާނުގެ އިންތިހާބެއްގައި އިހަވަންދޫ ދާއިރާއަށް އެންމެ މަދުން ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ. އާރިފް މިއިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައެވެ. އާރިފްއަށް ޓިކެޓް ލިބިފައިވަނީ ޕްރައިމަރީއަކާއި ނުލައެވެ. އެއީ އާރިފް ފިޔަވާ އިތުރުފަރާތަކުން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރިމަތިލާފައި ނުވާތީއެވެ. ނަސީރު މިއިންތިހާބުގައި ވާދަކުރަނީ  ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައެވެ. ނަސީރު ޓިކެޓް ހޯދީ 3 ކެންޑިޑޭޓަކު ވާދަކުރި ވާދަވެރި ޕްރައިމަރީއެއް ކާމިޔާބުކޮށްގެންނެވެ.