ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިހަވަންދޫގައި ހާއްސަ ހާލަތު އިއުލާން ކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ސޮއި ކުރައްވާ އިހަވަންދޫ ކައުންސިލުން މިއަދު ނެރުއްވި އާއްމު އިޢުލާނުގައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕްބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި
ވުމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 މާއްދާގެ ދަށުން، 2020 އޭޕްރިލް 17 ވަނަ
ދުވަހުގެރޭ، (މިރޭ) 9:00 އިން ފެށިގެން، ވަކިގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ.
ކައުންސިލުން ބުނެފައިވާގޮތުގައި މިއެންގުންތަކާ ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
ހާއްސަ ހާލަތުގައި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް:
- މިއަދު އިރުއޮއްސި 6:00 ގެ ފަހުން ރަށަށް އަރާ ފޭބުން މަނާކުރުން. ( ނަމަވެސް ޒަރޫރީ ބޭނުންތަކުގައި ރަށުން ބޭރަށްދާ
ފަރާތްތަކާއި، އާއްމުކޮށް މަސްވެރިކަމަށްނުކުންނަ އުޅަނދު ފަހަރާއި އަދި ފަރުމަސްވެރިކަމަށް ނުކުންނަ އުޅަނދު ފަހަރަށްވެސް
ރަށުން ފުރައިގެން ދެވޭނީ ޓާސްކް ފޯސްއިން ދޫކުރާ ހުއްދަ ލިޔުމުން ލިބުމުންނެވެ.)
- ވިޔަފާރި ބޭނުންތަކަށް އިހަވަންދޫއަށް އަންނަ ފަރާތްތަކަށް ބަނދަރަށް ވަދެވޭނީ އެރަށެއްގެ ރަށު ކައުންސިލްގެ ހާއްސަ ހުއްދައަކާއެކު އައުމުން، އެކަމަށް ހާއްސަކުރެވިފައިވާ ސަރަހައްދުން މުދާ އަރުވައިގެން ދާ ގޮތަށް.
- ހާއްސަ ހާލަތުގައި، ޒަރޫރީ ބޭނުންތަކަށް ގެއިންބޭރަށް ނިކުމެ އުޅުމަށް ކޮންމެ ގޭބިސީއަކަށް ހާއްސަ ކާޑެއް ދޫކުރެވޭނެ. ގެއިން
ބޭރަށް ނިކުމެ އުޅޭގަޑީ މި ކާޑް އެފަރާތެއްގެ އަތުގައި އޮންނަންވާނެ.
- ބަލިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް އަމަލުކުރުމާއި،
ޒަރޫރީ ބޭނުންތަކުގައި ތަންތަނަށް ގޮސްއުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން.
- ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިޒޯޓްތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް 19 އަށް
ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، އާމިނާ ދިޔޯ ހެލްތް ސެންޓަރަށް އެންގުން.
- މާލެއިން އައިފަހުން 14 ދުވަސް ހަމަނުވާ ފަރާތްތައް، 14 ދުވަސް ހަމަ ވަންދެން ގެއިން ބޭރަށް ނިކުމެ އުޅުން ހުއްޓާލުން.
- އިމާރާތްކުރުމުގެ މަސައްކަތާއި، އޮޑި ދޯނިފަހަރު ބަނުމާއި، މަރާމާތުގެ މަސައްކަތްފަދަ އެއްވެސް މަސައްކަތެއް ނުކުރެވޭނެ.
(އަސާސީ ހިދްމަތްދޭ ތަންތަނުގައި ކުރާ މަރާމާތުގެ މަސައްކަތްތަކާއި، އެތަންތާ މަސައްކަތް ކުރަމުންދާ މުވައްޒަފުން މި ހާލަތުގައި
އިސްތިސްނާ ވާނެ)
މިރޭ 9:00 ގެ ފަހުން ޒަރޫރީބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނުކުތުން އެންމެހާ ރައްޔިތުންނަށް މަނާކޮށްފައިވާއިރު، ޖަމާއަތުގައި ނަމާދުކުރުމަށް ފިޔަވައި ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުމެވެނީ އެއްވަގުތެއްގައި ފާސް އޮތް އެންމެ މީހަކަށްކަމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިރޭގެ ވަގުތެއްގައި މިދެންނެވި ފާސް އިހަވަންދޫގެ ގެތަކަށް ކައުންސިލުން ހަވާލުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.



