ހެކް ކޮށްފައިވާ އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް، އަނބުރާ ކައުންސިލްގެ ބާރުގެ ދަށަށް ގެނެސްފިއެވެ. ކައުންސިލްގެ ޕޭޖް ހެކު ކުރިތާ 35 ދުވަސް ފަހުން، ކައުންސިލްގެ ބާރުގެ ދަށަށް ޕޭޖް ގެނެސްފައިވާއިރު، ހެކަރުން ޕޭޖަށް ވީޑިއޯ ތަކެއް އެޅުން ފިޔަވާ އިތުރު ގެއްލުމެއް ދީފައިވާކަން ފާހަގައެއްނުކުރެވެއެވެ.
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކޮށް އެހެން ފަރާތްތަކެއްގެ ބާރުގެ ދަށަށް ޕޭޖް ގެެނެސްފައިވާ މުއްދަތުގައި، ޕޭޖަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ހާހަކަށްވުރެ ގިނަ ފޮލޯވަރުން ޕޭޖަށް އިތުރުވެފައިވާއިރު، ހެކަރުން ޕޭޖަށް އަޅާފައިވާ ވީޑިއޯތައްވަނީ މިލިއަނަކަށްވުރެ ގިނަ މީހުން ބަލާފައެވެ.
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖަކީ، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ އެންގުންތަކާއި މައުލޫމާތު ގެނެސްދިނުމަށް ހާއްސަކޮށްފައިވާ ޕޭޖެކެވެ. އިހަވަންދޫ ކައުންސިލްގެ ޕޭޖަކީ 2015 ވަނަ އަހަރުން ފެށިގެން ވަރަށް އެކްޓިވްކޮށް ހިންގާ ޕޭޖެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕޭޖް ހޯދުމަށްކުރި މަސައްކަތް ކާމިޔާބު ނުވުމުން، ޕޭޖް ހޯދިފައިވަނީ ކައުންސިލުން އަމިއްލަ ފަރުދަކާއިއެކު ކުރި މަސައްކަތުންނެވެ.