ކާމިޔާބީ މިންކުރަނީ ފައިސާއަކުން ނުވަތަ ބާރަކުން ނޫން – ކުޅިމަގު ފަސްގަނޑުގެ މެނޭޖަރު ހޫދު

މުޙައްމަދު އަކުރަމް

ކާމިޔާބީ މިންކުރަނީ ފައިސާއަކުން ނުވަތަ ބާރަކުން ނުވަތަ އިޖުތިމާޢީ ދަރަޖައަކުން ނޫންކަމަށް،  ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވާ ކުޅިމަގު ފަސްގަނޑުގެ މެނޭޖަރު އަހުމަދު ހޫދު ބުނެފިއެވެ. ކުޅިމަގު ފަސްގަނޑުގެ މިމުބާރާތުގައި ބައިވެރިވަނީ އަލަށެވެ.

މިމުބާރާތުގެ އެންމެ ޒުވާން މެނޭޖަރު، އުމުރުން 16 އަހަރުގެ ހޫދު ބުނީ ކާމިޔާބީ މިންކުރަނީ ޑިސިޕްލިން އާއި މަސައްކަތުންކަމަށެވެ. “އަހަރެމެންގެ ޓީމްގެ ހުރިހާ ކުޅުންތެރިންގެ ހުނަރު އެއްވަރެއްނުވާނެ، ނަމަވެސް ތަފާތަކަށްވާނީ ހުރިހާކުޅުންތެރިން އެކުގާ ކުރާ މަސައްކަތް” ހޫދުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ރެފުރީގެ އެންމެ ފަހު ކަށިގަނޑާއި ހަމަޔަށްވެސް ޓީމްގެ ކުޅުންތެރިން ހިތްވަރާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ހޫދަށް އެބައޮތެވެ. ކުޅިމަގު ފަސްގަނޑު ޓީމުން ޒުވާން އައު ހުނަރުވެރިންތަކެއް ފެންނާނެ ކަމަށާއި އެޓީމުގެ މުގުލަށްވާނީ އެކުޅުންތެރިންކަމަށް ހޫދު ބުންޏެވެ. “މިއީ ފެށުމެއް، ކުޅިމަގަކީ އަހަރެމެން  “ފަސްގަނޑަށް”  ދާންއޮތް މަގު، ފުޓްބޯޅާގާ އަހަރެމެން ތަފާތު ދައްކާނަން” ހޫދުގެ ވާހަކަ ނިންމައިލަމުން ބުންޏެވެ.

މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވަނީ 9 ޓީމެކެވެ. އެއީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ކުރިޔަށްދާނީ މިމަހުގެ 10 އިން މިމަހުގެ 19 އަށެވެ.