އަންނަ ދައުރުން ފެށިގެން 7 ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގެ ތެރޭގައި ހއ.އިހަވަންދޫ ހިމެނިއްޖެއެވެ.
3000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ 7 މެންބަރުންގެ މައްޗަށް ކަމަށާ އަދި އެ ކައުންސިލުތަކުގައި އަންހެން 3 ކައުންސިލަރުން ތިބުން ލާޒިމްކުރާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ފާސްކޮށްފައިވާތީ އަންނަ ދައުރުން ފެށިގެން އިހަވަންދޫގައި 7 ކައުންސިލަރުން އިންތިހާބު ކުރަންޖެހޭއިރު އޭގެ ތެރޭގައި އަންހެން 3 މެންބަރުން ހިމެނުމަށް ލާޒިމް ކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހަތް ކައުންސިލަރުން އިންތިޚާބު ކުރަނީ 14 ރަށުގައި ކަމަށެވެ. އެއީ:
- ހއ. ހޯރަފުށި - އާބާދީ 3479
- ހއ. އިހަވަންދޫ - އާބާދީ 3425
- ހއ. ދިއްދޫ - އާބާދީ 4440
- ރ. ދުވާފަރު - އާބާދީ 4808
- ބ. އޭދަފުށި - އާބާދީ 3367
- ބ. ތުޅާދޫ - އާބާދީ 3001
- ޅ. ނައިފަރު - އާބާދީ 5529
- ޅ. ހިންނަވަރު - އާބާދީ 4929
- އދ. މާމިގިލި - އާބާދީ 3088
- ދ. ކުޑަހުވަދޫ - އާބާދީ 3271
- ލ. ގަން - އާބާދީ 4979
- ގއ. ވިލިނގިލި - އާބާދީ 3780
- ގދ. ތިނަދޫ - އާބާދީ 7797
- ގދ. ގައްދޫ - އާބާދީ 3079 އެވެ.
މީގެ އިތުރުން 164 ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެންބަރުންނެވެ. އެއީ 3000 ވުރެ އެ ރަށްރަށުގައި އާބާދީ މަދުވުމުންނެވެ.
އެހެން ނަމަވެސް ހުރިހާ ރަށަކަށްވެސް އަންހެނުންގެ ކޮމެޓީއަށް އިންތިހާބު ކުރާނީ ފަސް މެންބަރުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީއަށް އިންތިހާބު ކުރާނީ 18 ކައުންސިލަރުންނެވެ. މާލޭގެ މިހާރުގެ އާބާދީއަކީ 75302 މީހުންނެވެ.
އައްޑޫ ސިޓީއަށް އިންތިހާބު ކުރާނީ 12 ކައުންސިލަރުންނެވެ. އައްޑޫގެ މިހާރުގެ އާބާދީއަކީ 34217 އެވެ. ފުވައްމުލައް ސިޓީއަށް އިންތިހާބު ކުރާނީ ހަ ކައުންސިލަރުންނެވެ. އެ ސިޓީގެ އާބާދީއަކީ 13064 މީހުންނެވެ.
އެންމެ ފަހުން ސިޓީއަކަށް ބަދަލުކުރި ކުޅުދުއްފުށި ސިޓީން ހަ ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހުއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.



