ޕޯލްސްޓަރ ވައުދެމުމުގެ މުބާރާތް މިރޭ ފަށަނީ

މުޙައްމަދު އަކުރަމް

އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދާ ވައުދެމުމުގެ މުބާރާތް މިރޭ ފަށާނެއެވެ. ހުރަވީ ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ މިދިޔައަހަރުގެ ޗެމްޕިއަން ކްލަބް އިރަމާ، ކޮއިމަލާ، އާރްއާރް ސީ ގެ އިތުރުން ފޮރިންގ ބޯއީސް އެވެ.

މިރޭ 21:00 ގައި ފަށާ މިމުބާރާތުގައި މިރޭ ދެ ދެމުން ދަމާނެއެވެ. ފުރަތަމަ ދެމުމުގައި ކޮއިމަލާ، އާރްއާރްސީ އާ ދެކޮޅަށް ނުކުންނައިރު ދެވަނަ ދެމުމުގައި ފޮރިންގ ބޯއީސް ނުކުންނާނީ ކްލަބް އިރަމައާ އާއި ދެކޮޅަށެވެ. މިދިޔަ އަހަރުގެ ވައު ދެމުމުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ކްލަބް އިރަމާއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ކޮއިމަލާއާ ވާދަކޮށް ދެ ދެމުމުން މެޗް ކާމިޔާބުކޮށްގެންނެވެ..

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރ ގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 3000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށްގެންދަނީ އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާއިއެކުއެވެ.