ބީ.ވީ.އައި.އެސް.އެމް އާއި އިހަވަންދޫގެ މުއައްސަސާތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ

މުޙައްމަދު އަކުރަމް

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވެސް (ބީ.ވީ.އައި.އެސް.އެމް) އާއި އިހަވަންދޫގެ މުއައްސަސާތަކާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ. މިހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 1 އިން 11 އަށެވެ.

ބީ.ވީ.އައި.އެސް.އެމް އާއި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އތ ކޮމަޓީ އަދި އިހަވަންދޫގެ މުއަށްސަސާތައް ގުޅިގެން ކުރިޔަށްގެންދާ މިހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް މިއަދު އިހަވަންދޫ ކައުންސިލް އިދާރާގައިވަނީ ކުރިޔަށް ގެންގޮސްފައެވެ. މިބައްދަލުވުމުގައި ބީ.ވީ.އައި.އެސް.އެމް، އިހަވަންދޫ ކައުންސިލް، އިހަވަންދޫ އތ ކޮމަޓީ، އިހަވަންދޫ ސުކޫލް، އާމިނާދިޔޯ ސިއްޙީމަރުކަޒު، ކްލަބް ޕޯލްސްޓަރ ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަދި ފެނަކަ އިހަވަންދޫ ބްރާންޗް އިން ބައިވެރިވިކަމަށް ކައުންސިލަރ ޒާހިރު މައުލޫމާތު ދެއްވިއެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވެސްގެ ނައިބު ރައީސް ހުސައިން ޝަރީފް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ކޮންމެ އަހަރަކު ވެސް އެ އެސޯސިއޭޝަނުން ބާއްވަމުން އަންނަ ކޭމްޕެއް ކަމަށާއި މިއަހަރު މިކޭމްޕް ހާއްސަކޮށްފައިވަނީ ހއ އަތޮޅަށް ކަމަށެވެ. މި ކޭމްޕުގައި ބައެއް ކަހަލަ ތަމްރީނުތަކާއި ވޯކްޝޮޕްތައް ހިންގުމުގެ އިތުރުން އާއްމުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ބައެއް ހަރަކާތްތައްވެސް ހިމެނޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މިކޭޕް 2 ބަޔަކަށް ބަހާލައިގެން ކުރިޔަށްގެންދާއިރު އޭގެތެރޭގައި ހިމެނެނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުރިފަރާތްތަކަށް ހާއްސަކޮށް ކުރިޔަށްގެންދާ ހަރާކާތްތަކަކާއި، މުޖުތަމައުއާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތްތަކެކެވެ.  ފެނުމުގެ ނުކުޅެދުންތެރިކަން ހުރިފަރާތްތަކަށް ހާއްސަކޮށް ކުރިޔަށްގެންދާ ހަރާކާތްތަކުގެ ތެރޭގައި، ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމާއި، ސްމާރޓް ކޭން ބޭނުންކުރަން ދަސްކޮށްދިނުމުގެ އިތުރުން އެކިކަހަލަ މަސައްކަތްތައް ދަސްކޮށްދޭ ޓްރެއިނިންގް ޕްރޮގްރާމެއް ކުރިޔަށްގެންދިޔުން ހިމެނެއެވެ.

މުޖުތަމައުއާ ގުޅިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި އާއިލީ ހަވީރެއް ބޭއްވުމާއި، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހޯދޭނެ ހައްލުތަކާއި އެފަރާތްތަކަށް އެހީތެރިކަން ދޭންވީ ގޮތް ކިޔައިދީ ސްކޫލް ދަރިވަރުންނާއި މުވައްސަސާތަކުގެ މުވައްޒަފުން އަދި އާންމުން ހޭލުންތެރިކުރުމުގެ ވޯކްޝޮޕް ހިންގުން ހިމެނެއެވެ.

ބީ.ވީ.އައި.އެސް.އެމް އާއި އިހަވަންދޫ މުއައްސަސާތަކާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ޒާހިރު ހަސަން

ޝަރީފް ފާހަގަކުރެއްވިގޮތުގައި އެޖަމިއްޔާއިން އިހަވަންދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބްލަޑް ޑޮނޭޝަން ކޭމްޕަކީ ރާއްޖެތެރޭގައި އެޖަމިއްޔާއިން ކުރިޔަށްގެންދާ މިފަދަ ފުރަތަމަ ކޭމްޕެވެ. އެހަރަކާތް ކުރިޔަށް ގެންދާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެހީތެރިކަމާއި އެކުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.