އިހަވަންދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއް ބަހައްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫއާއިއެކު އިތުރު ތިން ރަށެއްގައި 50 ޓަނުގެ އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސްއިން ބީލަމަށް ހުޅުވާލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

އިހަވަންދޫގެ އިތުރުން ހއ.ދިއްދޫ، އއ.ރަސްދޫ އަދި ގދ.ރަތަފަންދޫވެސް މިޕްރޮޖެކްޓްގައި ހިމެނެއެވެ. މިބީލަމުގެ ޕްރީބިޑް ބައްދަލުވުން 10 ސެޕްޓެންބަރު 2024 ވާއަންގާރަ ދުވަހުގެ 13:00 ގައި އޮންނައިރު ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2024ވާ އާދިއްތަ ދުވަހުގެ 11:00ގައެވެ.

ދާދިފަހުންވަނީ، އިހަވަންދޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދުމުގެ މަތިން، އިހަވަންދޫ ކައުންސިލުން 3,000 އަކަފޫޓުގެ ބިމެއް ދޫކޮށްފައެވެ. އިހަވަންދޫގައި އައު އައިސް ޕަލާންޓެއް ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މިއިއްޒު އިހަވަންދޫއަށް ވެލައްވާފައިވާ ރިޔާސީ ވައުދެކެވެ.

އިހަވަންދޫގައި މިހާރުވެސް ބްލޮކް އައިސް އުފެއްދޭ އައިސް ޕްލާންޓެއް އެބަހުއްޓެވެ. ނަމަވެސް އެއައިސް ޕްލާންޓަށް ގިނަދުވަސްވެ ބައުވެފައިވާތީ ވަރަށްގިނައިން މައްސަލަޖެހި ޚިދުމަތް މެދުކެނޑެއެވެ.